ޚަބަރު

ބިލީ ޖީން ކަޕްގެ ސެމީ ފައިނަލުން ޗެކިއާ ޖާގަ ހޯދައިފި


  • މިމުބާރާތުގެ ސެމީ ފައިނަލުން ޗެކިއާ ޖާގަހޯދީ އިނގިރޭސިވިލާތް ކުއާޓަރ ފައިނަލްގައި ބަލިކޮށްގެން

ޗައިނާގެ ޝެންޒެންގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކަޕް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ޗެކިއާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ޗެކިއާ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި އިނގިރޭސިވިލާތާއި ބައްދަލުކޮށް ކުޅެން ޖެހޭ ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބު ކޮށްގެންނެވެ. ކުއާޓަރ ފައިނަލާއި ދެޓީމު ކުރިމަތިލީއިރުވެސް ފޭވަރިޓުންގެ ގޮތުގައި އޮތީ ޗެކިއާއެވެ. އެއީ މިމުބާރާތުގައި ވާދަކުރާ ޗެކިއާގެ ހުރިހާ ކުޅުންތެރިންގެ ރޭންކިންވެސް އިނގިރޭސިވިލާތުގެ ކުޅުންތެރިންގެ ރޭންކިންއާ އަޅާބަލާއިރު ކުރީގައި އުޅޭތީއެވެ.

ކުއާޓަރ ފައިނަލްގައި ކުޅުމަށް ހަމަޖެހިފައިވި ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޗެކިއާގެ މަރީ ބޮއުޒްކޯވާ އާއި އިނގިރޭސިވިލާތުގެ ސޮނޭ ކާޓަލް ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ބޮއުޒްކޯވާއެވެ. ގާތް ގަޑަކަށް ތިން ގަނޑިއިރަށް ދެމިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ދޭކުން ބޮއުޒްކޯވާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ކާޓަލް ކާމިޔާބު ކޮށްފައިވަނީ ހަތަރެއް ހަޔަކުންނެވެ. އަދި ފަހު ސެޓު ބޮއުޒްކޯވާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ. މިމެޗު ވެގެންދިޔައީ ކާޓަލްއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ހަ މަސް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗަށެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ދެ ވަނަ މެޗުގައި ޗެކިއާގެ ލިންޑާ ނޮސްކޯވާ އާއި އިނގިރޭސިވިލާތުގެ ކެޓީ ބޯލްޓަރ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ވިމްބަލްޑަން ޗެމްޕިއަން ނޮސްކޯވާއެވެ. މިމެޗުގެ ދެސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ދޭއް އަދި ހަތެއް ތިނަކުންނެވެ.

ކުއާޓަރ ފައިނަލަށްފަހު ވާހަކަ ދައްކަމުން އިނގިރޭސިވިލާތުގެ ކެޕްޓަން އާން ކެއޮތަވޮންގ ބުނީ ޗެކިއާގެ ކުޅުންތެރިންނާއި ދެކޮޅަށް ކުޅުމަކީ އަބަދުވެސް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމަކީ ޗެކިއާ ކަމަށާއި އެޓީމު މުބާރާތް ކާމިޔާބު ކުރުން ވަރަށް ގާތް ކަމަށްވެސް އޭނާ ހާމަކުރިއެވެ.

މިމުބާރާތް 11 ފަހަރަށް ކާމިޔާބު ކޮށްފައިވާ ޗެކިއާ ޓީމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ 10 ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ހިމެނެއެވެ. އަދި ސެމީ ފައިނަލްގައި ޗެކިއާ ބައްދަލުކުރާނީ ކަޒަކިސްތާނާއި ސްޕެއިން ބައްދަލުކުރާ ކުއާޓަރ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.