ކުޅިވަރު

ރޮނާލްޑޯގެ ހިޔާލު ބަދަލުވީތަ؟ ކުޅުން ހުއްޓާލަން ބޭނުމެއް ނޫން


އޭނާގެ އަށް ރަނގަޅަށް ކުޅެވި، ގޯލު ޖެހޭނަމަ ގައުމީ ޓީމާއި ކުލަބު ފެންވަރުގައި ވެސް ކުޅުން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މިހެން ބުނީ އެކުވެރިކަމުގެ މެޗެއްގައި ވޭލްސްއާ ދެކޮޅަށް ކުޅެން ތައްޔާރު ވެފައިވަނިކޮށެވެ. މި މެޗުގައި 41 އަހަރުގެ ރޮނާލްޑޯ ފުރަތަމަ 11ގައި ކުޅެން ނުކުނާނެކަން އިއުލާނުކުރީ ޕޯޗުގަލްގެ ކޯޗު ޖޯޖް ޖެސޫސް އެވެ. އަދި ރޮނާލްޑޯ ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާނެ ކަމުގެ އައު އިޝާރާތެއް ކޮށްފަ އެވެ. މިއީ މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުމާ ދުރަށް ދާނެ ކަމަށް ވޯލްޑް ކަޕަށް ފަހު އޭނާ ދެއްކި ވާހަކައާ މުޅިން ތަފާތު ވާހަކަ އެކެވެ.

"އަހަރެންނަކަށް ނޭނގެ މިއީ އަހަރެންގެ ފަހު ސީޒަން ކަމެއް. އަހަރެންގެ ހަށިގަނޑު ފުޓްބޯޅަ ކުޅެން ތަންދޭނަމަ އަދި އަހަރެންނަށް އެކަން ކުރަން ވިސްނޭނަމަ އަހަރެން ކުޅޭނަން. އަހަރެން ރަނގަޅަށް ކުޅެ ގޯލް ޖަހާނަމަ ކުޅުން ކުރިއަށް ގެންދަން ބޭނުން. ގައުމީ ޓީމުގައި ވެސް އަދި އަހަރެންގެ ކުލަބުގައި ވެސް. އަހަރެން މިވަގުތު މިހުރީ ރަނގަޅު ފޯމެއްގައި. އެހެންވީމާ ކުރިމަގުގައި ވާނެ ގޮތެއް ނޭނގެ،" ރޮނާލްޑޯ ބުންޏެވެ.

ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ފޯވަޑް ބުނީ މިވަގުތު އޭނާގެ ކުރިމަތީގައި އޮތީ ދެ އަމާޒެއް ކަމަށެވެ.

"އެއީ އަހަރެންގެ ކެރިއަރުގައި 1000 ގޯލު ހަމަކުރުން. ދެން ނޭޝަނަލް ލީގު (ޕޯޗުގަލް އަށް) ކާމިޔާބު ކޮށްދިނުން،" ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ސްޕޯޓިން އަށް ފަހު އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް އަދި އޭގެ ފަހުން ސްޕޭނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް އަށް ވެސް ކުޅުމަށްފަހު މިހާރު ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅޭ ފޯވަޑް ވަނީ ކެރިއަރުގައި މިހާތަނަށް 979 ގޯލު ޖަހައިފަ އެވެ. އޭނާ ބުނީ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމާ ހަވާޅުވި ކޯޗު ޖެސޫސްއާއެކު މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށެވެ.

"އަހަރެން ކުރިން ވެސް މަސައްކަތް ކުރިން ޖެސޫސްއާއެކު. އަހަރެންނަށް އެނގޭ ފުޓްބޯޅަ އަކީ އެޓޭކިން ކުޅިވަރެއްކަން. އެކަމަކު އެންމެ މުހިންމު ކަމަކީ މޮޅުވުން،" ރޮނާލްޑޯ ބުންޏެވެ.