އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ދައުރު ބޮޑުކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ ރައީސް ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
އެޗްއާރްސީއެމްގެ ރައީސް މިފަދައިން ވިދާޅުވީ، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ "ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މުޖުތަމައުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކޮށް، ދައުލަތް ޖަވާބުދާރީކޮށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ބިނާކުރުމެވެ.
ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމްގެ ރައީސް ޑރ. އާއިޝަތު ރަމީލާ ވަނީ، މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ދައުރަކީ ނުހަނު މުހިންމު އަދި އަގުހުރި ދައުރެއްކަން ފާހަގަކުރައްވާފައެވެ.
މި 5 ދުވަހުގެ ތަމްރީނުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި، އިންސާނީ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެޗްއާރްސީއެމްގެ ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލް މެންބަރު ސަލްމާ އުމަރުގެ ވާހަކަފުޅުގައި ލާމު އަތޮޅުގައި މިފަދަ ޕްރޮގްރާމްތަކުގެ މުހިއްމުކަމާއި އެކަކު އަނެކާއަށް އިހްތިރާމްކުރާ މުޖްތަމައުއެއް ބިނާކުރުމުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ މުހިއްމުކަމަށް އަލިއަޅުވާލާފައިވެއެވެ.
މި ޕްރޮގްރާމްގެ ބައިވެރިއެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އިބްރާހީމް ނަސީބު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ޕްރޮގްރާމްތަކަކީ މުޖުތަމައު އިސްލާހުކުރަން ބޭނުންވާ ފަރާތްތަކާ ގުޅުން ބަދަހިވެ، ހައްގުތަކަށް ވަކާލާތުކުރާ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަހުގެ 20 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަދަނީ ޖަމްޢިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެޗްއާރްސީއެމްއަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއާއި، ކޮމިޝަނުގެ "ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ" އަދި ދެމެހެއްޓެނިވި ތަރައްޤީގެ 2030 ގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބިނާވެފައިވަނީ މިފަދަ ފަރާތްތައް ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ "ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް" ގެ މައްޗަށެވެ.
ލ. ގަމުގައި ކުރިއަށްދިޔަ ފަސްދުވަހުގެ މި ޕްރޮގްރާމުން 30 ފަރާތެއް ތަމްރީނުވެ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. އޭގެ ތެރޭގައި 18 އަންހެނުން އަދި 12 ފިރިހެނުން ހިމެނެއެވެ.
މިދަތުރުގައި ކޮމިޝަނުގެ 3 ޓީމަކުން ލ. މާބައިދޫ، ލ. ދަނބިދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. މާމެންދޫ، ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މާވަށް، ލ. މުންޑޫ، ލ. ގަން އަދި ލ. ފޮނަދޫއަށް ޒިޔާރަތްކޮށް އިންސާނީ ހައްޤުތަކަށް އަހުލުވެރިކުރުމަށާއި ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ދައުލަތުގެ އިދާރާތަކާއި، ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ސެޝަންތަކެއް ނަގައިދީފައިވެއެވެ.
މި ހޭލުންތެރިކުރުވުމުގެ ސެޝަންތަކުގައި 393 އަންހެނުންނާ 176 ފިރިހެނުން ހިމެނޭހެން މުޅިއަކު 569 ފަރާތެއް ބައިވެރިވެފައިވެއެވެ. ކޮމިޝަނުގެ މިދަތުރުގެ ފަހު ހަރަކާތެއްގެ ގޮތުން މާދަމާ ހަވީރު 4 އިން 6 އަށް ލ.ގަން ޒޯން ސްޓޭޑިއަމްގައި އާއިލީ ހަވީރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.