އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލިސް އިސްލާހުކޮށް، ދާއިމީ ފަސް މެންބަރުންގެ ވީޓޯގެ ބާރު އުވައިލުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ގޮވާލައްވައިފިއެވެ. އދގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ސަންޗޭޒް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް ހަމަހަމަ ތަމްސީލުވުން ލިބެންޖެހޭ ކަމަށާއި، މިހާރުގެ ޙަޤީޤަތްތަކަށް ބައިނަލްއަޤުވާމީ ނިޒާމު ފެތެންޖެހޭ ކަމުގައެވެ. އަދި، އދގެ ޗާޓަރުގެ ދަށުން، ކިތަންމެ ބާރުގަދަ ޤައުމަކަށް ވިޔަސް އަމިއްލަ މައްސަލައިގައި ފަނޑިޔާރުކަން ނުކުރެވޭނެ ކަމުގައި އޭނާ ބަޔާންކުރެއްވިއެވެ.
ދުނިޔޭގެ ޞުލްޙައާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ހަމަހަމަ ފުރުޞަތުތަކުގެ އަސާސްތަކަށް ނުރައްކާކޮށް، އަނދިރި މާޒީއަކަށް ދުނިޔެ ގެންދަން ސިޔާސީ ބަޔަކު މަސައްކަތްކުރާ ކަމުގެ އިންޒާރު ވެސް ސަންޗޭޒް ދެއްވިއެވެ. މި ދަނޑިވަޅުގައި، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހިންގަމުންދާ ޤަތުލުޢާންމު އެއްވެސް ޝައްކެއްނެތް މިންވަރަށް ކުށްވެރިކުރައްވާ ކަން އޭނާ ހާމަކުރެއްވިއެވެ. ހަމަމިއާއެކު، ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ޔަހޫދީ ސަރުކާރަށް ހަތިޔާރު ފޮނުވުން ސްޕެއިނުން މަނާކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤުވާމީ އިދާރާތައް ބަލިކަށިކުރުމަށް ޓަކައި، ޖަވާބުދާރީ ނުކުރެވޭނެކަމުގެ ޔަޤީންކަމާއެކު ޤަވާޢިދުތައް މުގުރައި، ފައިސާގެ އެހީ ކަނޑައިލާ، އަދި އެއީ ބޭކާރު ތަންތަން ކަމުގައި ދައްކަން ކުރާ މަސައްކަތްތައް ސަންޗޭޒް ކުށްވެރިކުރެއްވިއެވެ. އަދި، އދއަށް އޮތް އިތުބާރު އަލުން ބިނާކުރުމަށް މެންބަރު ޤައުމުތަކަށް އޭނާ ބާރުއެޅުއްވިއެވެ. މީގެއިތުރުން، އދގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމު އެންމެ ފަހުން ފުރުއްވާފައިވާ ނުވަ ބޭފުޅުންނަކީ ވެސް ފިރިހެނުން ކަން ފާހަގަކުރައްވައި، ދެން އެ މަޤާމަށް އިންތިޚާބުކުރަންވާނީ ލެޓިން އެމެރިކާގެ އަންހެން ބޭފުޅެއް ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ. ސަންޗޭޒް ވިދާޅުވީ، މިއީ އަދާކުރަންޖެހިފައިވާ ތާރީޚީ ދަރަންޏެއް ކަމުގައެވެ.
އުތުރު އެފްރިކާގައި އޮންނަ ސްޕެއިންގެ ސެއޫތާ ސަރަޙައްދުގެ އިން ހުރަސްކޮށް، ޖުލައި މަހުގެ ފަހުކޮޅު 72،000 އެއްހާ މީހުން ނުަޤަވާޢިދުން އެތެރެވެފައިވާ މައްސަލައަށް ވެސް ސަންޗޭޒް އަލިއަޅުއްވާލެއްވިއެވެ. މި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން، ހިޖުރަކުރާ މީހުންނަކީ ދުޝްމަނުންގެ ގޮތުގައި ނުދެކޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އެ މީހުންނާ މެދު ޢަމަލުކުރުމުގައި އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް އިޙުތިރާމްކުރުމުގައި ސްޕެއިން ސާބިތުވެ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަންޗޭޒް ދެއްވިއެވެ.