ތިން ވުޒާރާއެއްގައި ރޯވި ހާދިސާ ހިނގަން މެދުވެރިވި ކަރަންޓް ނަރުތައް ދަތި ދޭތެރެތަކުގައި ހުރުމުން އަލިފާން ރޯވިތަން ދެނެގަތުމަށް ބޮޑެތި ދަތިތަކެއް ފަޔަރ ފައިޓަރުންނަށް ކުރިމަތިވި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ތިން ވުޒާރާއެއްގައި އަލިފާން ރޯވެ އަނދައިގެން ދިޔަ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންގެ ޚިދުމަތުންވަނީ ރާއްޖެއިން ބޭރުގެ އެހީތެރިކަމާއެކު ތަހުގީގެއް ހިންގާފައެވެ.
އަލިފާނުގެ މިހާދިސާއާއި ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ތަހުގީގަށް ހޯދިފައިވާ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެދުވަހުގެ ފަތިހު 05:33 އިން ފެށިގެން 07:17 އާއި ދެމެދުގެ ވީޑިއޯ ފޫޓޭޖާއި ބައެއް ފޮޓޯތައްވަނީ ހިއްސާކުރައްވާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހައުންސިންގ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ ހުންނަ ދެއިމާރާތުގެ ދޭތެރެއިން ހައުސިންގ މިނިސްޓްރީގައި ފުރަތަމަ އަލިފާން ރޯވެފައި ހުއްޓާ ފެނިފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސެކިއުރިޓީއަށެވެ. އަދި ސެކިއުރިޓީ އޮފިސަރަށް ގުޅަންވީ އިދާރާއެއް ނޭނގޭތީ މަގުމަތިން ފެނުނު އެމްއެންޑީއެފްގެ އޮފް ޑިއުޓީގައި ހުރި އޮފިސަރެއް ހުއްޓުވާ އެކަން ހިއްސާކުރުމުން އެއޮފިސަރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއަށް އަންގާ ދެއިމާރަތް ދޭތެރެއިން ފެނުނު އަލިފާން ނިއްވާލާފައިވާކަން ފުލުހުންގެ ވީޑިއޯއިން ފެނެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް 06:17 ހާއިރު ގުޅާފައިވާއިރު ފަޔަރ ފައިޓަރުން ސީންއަށް 06:35 ގައި އައިސްފައިވާކަން ވީޑިއޯއިން ފެނެއެވެ. އިމާރާތުގައި އަލިފާން ރޯވެފައިވާތަނެއް ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށް ހައުސިންގ މިނިސްޓްރީގެ ތިރީ ފަންގިފިލާގެ ސީލިން އަދި ފުރަތަމަ ފަންގިފިލާގެ ޑެކުގައި ރޯވެފައި ހުރިތަން ފެނުމުން ނިއްވާލާ މަންޒަރުވެސްވަނީ ފެނިފައެވެ.
ފުލުހުންވަނީ މިހާދިސާގައި އަލިފާން ރޯވެފައި ހުރިތަން ހޯދުމަށް އެންމެ ދަތިވީ އިމާރާތުގެ ކަރަންޓު ވަޔަރިންގެ މަސައްކަތްކޮށްފައިވާ ގޮތުން ވަރަށް ދަތިކޮށް، ނަރުތައް އަޅާފައި ހުރުމުންކަންވަނީ ފާހަގަކޮށްފައެވެ. އަދި ނަރުތަކުގެ ފޮރެންސިކް ތަހުލީލުތަކުން ގިނަ މައްސަލަތަކެއް އޭގައި ހުރިކަން ފާހަގަވެފައިވާއިރު، އެއިމާރާތުގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓު މައްސަލަ ހުރިކަން ތަހުގީގުގައި މުވައްޒަފުން ހާމަކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިހާދިސާގެ ތަޙްގީގުގައި 14 ކެމެރާއަކުން 676 ގަޑިއިރުގެ ފުޓޭޖް އެނަލައިޒްކޮށްފައިވާކަމަށެވެ.
"މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކުން އެއްވެސް މީހަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ އެއްވެސް ކަމެއް ފާހަގަވެފައިނުވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އަލިފާން ރޯވި ދުވަހުގެ ކުރީ ރޭ އެއޮފީސް ބަންދުކުރުމާއި އަދި އަނެއް ދުވަހު އޮފީހުގެ މުވައްޒަފުން އޮފީހަށް އައުމާ ދެމެދު އިތުރު އެއްވެސް ފަރާތަކުން އެއިމާރާތަށް ވަދެފައިނުވާކަން ތަހްގީގުން އެނގިފައިވާކަމަށެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެގެ 12 ވަނަ ދުވަހު ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އެއްކޮށް އަނދައިގެން ދިޔަ ހާދިސާގައި އިންޝުއަރެންސްކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އިމާރާތް އެކަނިކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި 3 ގެއެއްގެ 9 އެޕާޓްމަންޓަކަށާއި 2 ފިހާރައަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުންވަނީ ފާހަގަކުރައްވާފައެވެ.