ޚަބަރު

"ޗައިނާ-ރާއްޖެ އެފްޓީއޭގެ ތެރެއިން ވިޔަފާރީގެ އިތުރު ފުރުޞަތުތައް ފަހިވާނެ"


  • ޗައިނާ-ރާއްޖެ ގުޅުމަކީ ރައްޔިތުންނަށް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބޭ ގުޅުމެއްކަން ރައީސް ފާހަގަކުރެއްވި

  • ޢުމްރާނީ ތަރައްޤީއާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ދާއިރާއިން ޗައިނާގެ އެހީތެރިކަން ފެންނަކަމަށް ވިދާޅުވި

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން އިތުރު ފުރުޞަތުތައް ފަހިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފަައްޓަވަމުން ވަނީ ޗައިނާގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ޝީ ޖިންގްޕިން އަދި އެ ޤައުމުގެ ސަރުކާރައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ބިނާ ކުރެއްވީ ދެ ޤައުމުގެ ގާތްގުޅުމަށާއި، ގުޅުމުގެ ފައިދާތަކުގެ މައްޗަށެވެ. ރައީސް ވަނީ ޗައިނާގެ އުމްރާނީ ތަރައްޤީއާއި، ކުރިއެރުމަކީ ދުނިޔެއިން ބަލައިގަނެފައިވާ ކުރިއެރުންތަކެއް ކަމަށް ވިދާޅުވެފައެވެ.

ޗައިނާއާއި ރާއްޖެއަކީ ސަރަޙައްދީ ގޮތުން ދުރުގައި އޮތް ދެ ޤައުމު ނަމަވެސް، ދެ ޤައުމުގެ އެކުވެރިކަމަކީ ދޭދޭ ޤައުމުގެ މެދުގައި އޮތް ގުޅުން އެންމެ ބޮޑަށް ދައްކުވައިދޭ ސިފަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއިން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމުގައި ދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ގުޅުން ބިނާވެފައިވަނީ އިޙުތިރާމާއި އިސްތިޤުލާލައި ސުލްހަމަސަލަސްކަމުގެ މައްޗަށާއި ވަން ޗައިނާ ސިޔާސަތުގައި ރާއްޖެ ދެމިއޮތުމުގެ ޔަޤީންކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ޗައިނާއަށް މިދިޔަ އަހަރު ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަން ފާހަގަކުރައްވާ މިއީ ހަމައެކަނި ލިއެކިއުމުގެ އޮތް ބަދަލެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މި ގުޅުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ސިދާ ފެނިގެންދާ ކަމަށެވެ. އަދި ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން އިތުރު ފުރުޞަތުތައްވެސް ފަހިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޗައިނާއާއި ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާންތަކެއް ނޫން. އެއީ ލޮލަށް ފެންނަން އޮތް ރައްޔިތުންނަށް ތަޖުރިބާ ކުރެވޭ ގުޅުމެށް. ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އޭގެ އަސަރުކުރާ ގުޅުމެއް. އަޅުގަނޑުމެން ޤައުމީ ތަރައްޤީގައި، ސަރަހައްދީ ތަރައްޤީގެ މަސައްކަތުގައި، ރަށްރަށުގެ ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީގެ ތެރެއިން ތަޢުލީމާއި މުވައްސަސާތަކުގެ ފަންނީ ތަމްރީނާއި އެހީތެރިކަމުގެ ތެރެއިން މި ގުޅުން ފެނިގެންދޭ. އަދި އަޅުގަނޑުމެން ގުޅުމުގެ ވަރުގަދަކަން ހާމަވަނީ އަޅުގަނޑުމެން ސޮއިކުރާ އެއްބަސްވުމަކުންނެއް ނޫން. އެ އެއްބަސްވުންތަކުން ހާސިލްކުރެވޭ ކަންކަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން، ސިނަމާލެ ބްރިޖުން ދައްކުވައިދޭއިރު، ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެއިން ކުރާ މިދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު އިޤްތިޞާދަށާއި ބާޒާރުގެ އަގުތަކުން ފެނިގެންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ބައިނަލްއަޤްވާމީ ގުޅުންތައް ދިވެހިރާއްޖެއަށް އިންތިހާއަށް މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަކުރައްވާފައެވެ. އެހެން ކަމުން ޗައިނާ އަދި ދިވެހިރާއްޖެ ދެމެދު މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވެދޭނެ ފަދަ ދެމެހެއްޓެނި ގުޅުމެއް އުފެދުމަށް އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޗައިނާގެ ރައީސް އަދި ޗައިނާގެ ސަރުކާރުން ދެއްވަމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ޗައިނާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެމަނިކުފާނު ވަނީ އެދިލައްވާފައެވެ.