ކީރިތި ޤުރުއާނާ ބެހޭ ދާއިރާއިން ރާއްޖޭގައި ފެންނަމުން މިދަނީ ހެޔޮ ދުވަސްތަކެއްކަމަށާއި، އެ ދުވަސްތައް ދަމަހައްޓަން މަސައްކަތްކުރަންޖެހޭކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް މިފަދައިން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ތާރީޚުގައި ގެނައި އެންމެ މުހިންމު ބަދަލަކީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ބައިވެރިންނަށް ފުރުޞަތު ދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރިން މުބާރާތުގައި ބައިވެރިކުރަނީ، މުބާރާތުގައި ވާދަކުރާ ސްކޫލްތަކުން، މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު އޮންނަ އުމުރުފުރާތަކުން، ކޮންމެ އުމުރު ފުރާއަކުން ހޮވާ 5 ވަރަކަށް ދަރިވަރުންނެވެ. އެބަދަލުގެ ސަބަބުން، ކުރިން 800އެއްހާ ދަރިވަރުން ބައިވެރިވާ މި މުބާރާތުގައި މިހާރު 3000އަށް ވުރެ ގިނަ ބައިވެރިން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުރިން ސްކޫލް މުބާރާތް ނުބޭއްވުމުން ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް އޮތީ ބަދަލުވެފައި ސްކޫލް މުބާރާތަކަށް. ޤައުމީ ޤުރުއާން މުބާރާތް އެއަށް ވުރެ ފުޅާ ވާންޖެހޭ." އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރަށްރަށުގައި ވަަރަށް ރޭވިގެން ޤުރުއާން މުބާރާތްތައް ހިންގާ ކަމަށެވެ. އަދި ސްކޫލްތަކުގައިވެސް ޤުރުއާން މުބާރާތްތައް ހިންގުމުގެ އިންތިޒާމްތައް ވަރަށް ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތަކީ ހަމައެކަނި ސްކޫލްތަކަށް ބައިވެރިވެވޭ ވަރަށް ވުރެ ފުޅާ މުބާރާތަކަށް ވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. މުބާރާތުގެ ވަނަތަކަށް ކަނޑައަޅާފައިވާ އިނާމުތައް ބޮޑުކުރުމަކީ، ޤުރުއާން މުބާރާތުގެ ޝައުގުވެރިކަން އިތުރުވާކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މި ފަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް އިންތިޒާމްތައް ރަނގަޅު މުބާރާތެއްކަމަށެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، ޤައުމީ މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި މި މުބާރާތުގައި ލިބޭ އިނާމްތައް ބޮޑުކޮށްފައިވާއިރު 3 ބައިންވެސް 1 ވަނައަށް ދާ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕެއް ލިބޭގޮތަށް ހަމަޖައްސަވާފައިވެއެވެ.