މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިކަން އިޢުލާންކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ވަޒީރު ވަނީ މިއީ ރާއްޖެއަށް ލިބޭ އުފަލެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
"ޤުރުއާން ކިޔަވާކުދިންނާއި ޒުވާން ޚަތީބުންނަށް އުފާވެރި ވާހަކައެއް މިއީ. މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމް ޑރ.ޔާސިރް އައްދައުސަރީ އިރާދަކުރެއްވިއްޔާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ." އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.
ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތުދެއްވާފައިވަނީ ޒުވާން ޚަތީބުންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ. ނަމަވެސް އެ ދުވަހަށް ވަޑައި ނުގަންނެވުނުނަމަވެސް، އޯލެވެލް އިމްތިޙާން ނިމުމުން، އެ ދަތުރުފުޅުގެ ތާރީޚު ހަމަޖައްސަވާނެކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޔާސިރް އައްދައުސަރީއަކީ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު އިމާމެކެވެ. އެ މަނިކުފާނަކީ މަސްޖިދުލް ޙަރަމްގެ އެންމެ ޒުވާން އެއް އިމާމެވެ.
ރާއްޖެއަށް މަސްޖިދުލްޙަރާމްގެ އިމާމަކު ވަޑައިގަންނަވަނީ 43 އަހަރަށް ފަހުގައެވެ. އިސްލާމީ މަރުކަޒު ހުޅުވުމަށް، މަސްޖިދުލްޙަރާމްގެ އިމާމް މުޙައްމަދު އައްޒުބައިޔީ ރާއްޖެ ވަޑައިގެންނެވިއެވެ. އެ ފަހުން މަސްޖިދުލްޙަރާމްގެ އިމާމަކު ރާއްޖެއަށް ވަޑައެއް ނުގަންނަވައެވެ.
ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް އެންމެ މަޤުބޫލު އަދި އަޑުރީތި އެއް ޤާރީއެވެ. އެމަނިކުފާނު ވަނީ 2019 ވަނަ އަހަރު މަސްޖިދުލްޙަރާމްގެ ދާއިމީ އިމާމަކަށް އައްޔަންކުރެއްވުމުގެ ކުރިން، ރިޔާޟްގައި ހުންނަ މަސްޖިދުލް ދަޚީލްގައި އިމާމެއްގެ ގޮތުގައި ޚިދުމަތްކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި އެމަނިކުފާނުގެ ޤުރުއާން ކިޔެވުމުގެ ރީތި އަޑު ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވަރަށް ބޮޑަށް މަޤުބޫލުވެގެން ދިޔައެވެ.
އިމާމެއްގެ ގޮތުގައި ކުރައްވާ ޚިދުމަތުގެ އިތުރުން، ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަކީ 2020 ވަނަ އަހަރުން ފެށިގެން ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ ޖެނެރަލް ޕްރެޒިޑެންސީ ފޯ ދަ ހަރަމައިންގެ އެޑްވައިޒަރެއްގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.