ވިމެންސް ސުޕަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ވިމެން އާއި އާސެނަލް ވިމެން ބައްދަލުކުރި މެޗު ސިޓީން ފަހަތުން އަރާ ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު 2 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު އާސެނަލް އިން ބޯޅަ އެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީވެސް އާސެނަލް އިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކިތަން ފެނިގެންދިޔައީ ސިޓީއިންނެވެ. ނަމަވެސް އެޓީމަށްލިބެމުންދިޔަ ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފެމުންދިޔަ ތަނެއް ފެނިގެނެއް ނުދިޔައެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 43 ވަނަ މިނެޓުގައި އާސެނަލް އިން އުފެއްދި ހަމަލާއެއްގައި މެޗުގެ ލީޑު އެޓީމުން ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލީސާ ބައުމްއެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ލޯރެން ހެމްޕް ކާމިޔާބު ކޮށްދިން ލަނޑާއެކު ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
މިމެޗުގެ ދެވަނަ ހާފު ސިޓީއަށް ފެށިގެންދިޔައީ އެޓީމުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. މިގޮތުން ދެވަނާ ހާފުގެ ކުޅުން ފެށިތާ 4 ވަނަ މިނެޓުގައި އާސެނަލް އިން މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީ އެލޭސިއާ ރޫސޯއެވެ. މިމެޗުގައި ސިޓީއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ދެވަނަ ހާފުގައި ކުޅެން އެރި ކަރސްޓިން ކެސްޕަރީ މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުގައި ސިޓީއިން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައި ހެމްޕް މިމެޗުގައި ކާމިޔާބު ކޮށްދިން ދެވަނަ ލަނޑުންނެވެ. އަދި ސިޓީއިން މިމެޗުގައި ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވަޑް ހަދީޖާ ޝޯއެވެ.
މިމެޗުގައި ދެޓީމަށްވެސް އިތުރު ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެފުރުސަތު ތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިކާމިޔާބީ އާއެކު ސިޓީއިން މިވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު 5 މެޗު ކާމިޔާބު ކުރި ހަމައެކަނި ޓީމަށް ވެގެން ގޮސްފައެވެ. އަދި މިއާއެކު މިޓީމު އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި މިނާކާމިޔާބީ އާއެކު އާސެނަލް އުޅެނީ 5 މެޗުން ލިބިފައިވާ 5 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. އަދި ސީޒަންގެ މިހާކުރީކޮޅު ތާވަލްގެ އެއްވަނައިގާ އުޅޭ ސިޓީ އާއި ދެމެދުގާވާ ފަރަގު މިހާރު މިވަނީ 10 ޕޮއިންޓަށް އިތުރު ވެގެން ގޮސްފައެވެ.
ވިމެންސް ސުޕަރ ލީގުގައި ކުޅުނު އެހެން މެޗުތަަކަށް ބަލާލާއިރު ތާވަލްގެ ދެވަނައިގާ 13 ޕޮއިންާޓެކު އުޅޭ ޗެލްސި ވިމެން ވަނީ ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް ވިމެން އާއި ބައްދަލުކުރި މެޗު 3 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައެވެ. އަދި ތާވަލްގެ ތިންވަނައިގާ އުޅޭ ލަންޑަން ސިޓީ ލަޔަނެސެސް ވަނީ ރަށުން ބޭރުގައި ޓޮޓްނަމް ހޮޓްސްޕަރ ވިމެން އާއި ބައްދަލުކުރި މެޗު 6 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައެވެ.