ޖަލުގައި ތިބޭ ޤައިދީން އިސްލާހުކޮށް، މުުޖުތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ތަމްރީންވެގެން ނުކުންނަ ޖަލު އޮފިސަރުންގެ ޒިންމާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ޤައުމީ ވާޖިބުތަކެއް ކޮނޑުގައި އެޅިފައިވާ ބައެއް ކަމަށެވެ.
މީހަކު ކުށެއް ކޮށްގެން ކޯޓު މަރުހަލާއަށްފަހު ޖަލަށް ވަނުމާހަމައިން، ޖަލުން ނިކުމެ އަނބުރާ މުޖްތަމައަށް ނުކުތުމާމެދު އެމީހުންނާ ޙަވާލުވެ ހުންނަނީ ޖަލު އޮފިސަރުން ކަމަށާއި، އެމީހުންގެ ސަލާމަލާތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ޖަލުގައި ތިބޭ ޤައިދީންނަށް ޚިދުމަތްތައް ފޯރުކޮށްދީ، އެފަރާތްތައް އިސްލާހުކޮށް، މުޖުތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ޒިންމާ އަދާކުރާނީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ އޮފިސަރުން މަޤާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށްފަހު ކޮންމެ ދުވަހަކީވެސް އެ ޤައުމީ ވާޖިބު އަދާކުރާނެ ދުވަހެއް ކަމަށެވެ.
ކޮންމެ އޮފިސަރެއްވެސް އަޒުމު ކަނޑައަޅަންވާނީ ހުވާކުރުމާ ހަމައިން ފެށިގެން ރަސްމީ މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ޤައުމީ ވާޖިބު އަދާކުރުމަށާއި ދާޚިލީ ވުޒާރާއާއި ރައްޔިތުންނަށާއި ހެއްދެވި ފަރާތަށް އިޚްލާސްތެރިކަމާއެކީ މަސައްކަތް ކުރާ އޮފިސަރުންތަކަކަށްވުމަށް ކަމަށް ވަަޒީރު ވިދާޅުވިއެވެ.
ކޮންމެ އޮފިސަރެއްގެ އެންމެ އަސާސީކަމަކީ އަޚުލާޤުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ތަމްރީނުން ދަސްވި ދީނީ ކަންކަމާއި އަދި މުޖްތަމަޢުގެ ތެރެއިން ދަސްކުރާ ރަނގަޅު ޚުލްގު ދެމެހެއްޓުމަށްވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން، އެ އަޚުލާޤުގެ ތެރޭގައި އެންމެ މުހިންމު ކަމަކީ ނުގުޑާފަދަ ނަޒާހަތްތެރިކަމެއް ކަމަށާއި ކަރެކްޝަން އޮފިސަރެއްގެ ނަޒާހަތްތެރިކަމާ ދޭތެރޭ ޝައްކު އުފެދޭ ހާލަތެއް އައިސްފިކަމަށް ވާނަމަ އެއީ ޚިދުމަތުގަ އެމީހާ ފެއިލްވާ ހިސާބުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކޮންމެ އޮފިސަރަކުވެސް މަސައްކަތް ކުރަންވާނީ ޤާނޫނު ތަންފީޒު ކުރުމަށާއި ޑިއުޓީ އަދާކުރުމުގައި ތެދުވެރިކަމާއެކީގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަމިއްލަ ނަފުސަށާއި ދީނަށް ތެދުވެރިވެ، ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ނުގުޑާފަދަ އަޒުމު ކަނޑައެޅުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.