ޢަރަބި ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، އެ އުޅަނދުގައި ތިބި 22 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ނޭޝަނަލް ގާޑުން ބުނެފިއެވެ.
ޔޫއޭއީގެ ނޭޝަނަލް ގާޑުން 'އެކްސް' މެދުވެރިކޮށް ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގުމާއެކު އެ އުޅަނދުން ފޮނުވި ކުއްލި އެހީގެ މެސެޖަށް އެ އިދާރާގެ ކޯސްޓް ގާޑުން ވަނީ ވަގުތުން އިޖާބަދީފައެވެ. އަދި ހާދިސާ ހިނގި ސަރަޙައްދަށް ޓީމުތައް ފޮނުވައި، އޭޝިއާގެ އެކި ޤައުމުތަކަށް ނިސްބަތްވާ ހުރިހާ ފަޅުވެރިން ރައްކާތެރިކަމާއެކު ވަނީ އުޅަނދުން ބާލައިފައެވެ.
އެހީ ފޯރުކޮށްދިނުމަށްފަހު، އެ ހުރިހާ ފަޅުވެރިން ކަމާބެހޭ އިދާރާތަކާ ހަވާލުކޮށްފައިވާއިރު، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، ޓޭންކަރުގެ ނަމާއި، އަލިފާން ރޯވާން މެދުވެރިވި ސަބަބު އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ދުބާއީގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓުން ވެސް ވަނީ ހުރިހާ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށާއި، އެ ފަރާތްތައް ސަލާމަތްކުރެވިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ޔޫއޭއީގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، ހާލުގައި ޖެހުނު ފަޅުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ކޮންސިއުލޭޓުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ، ޕެނަމާގެ ދިދަ ޖެހި "ގެމް ނަންބަރު 2" ނަމަކަށް ކިޔާ ސާފުނުކުރާ ތެޔޮ އުފުލާ ޓޭންކަރަކަށް ދިން ގޮތް ނޭނގޭ ހަމަލާއެއްގައި އެ ޓޭންކަރުގައި އަލިފާން ރޯވިތާ އެއް ދުވަސް ފަހުންނެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އެޖެންސީން ބުނި ގޮތުގައި، ޔޫއޭއީގެ ހުޅަނގުން 13 ނޯޓިކަލް މޭލު ބޭރުން ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައެވެ.
މި ހަމަލާ ދީފައިވަނީ ހުރްމުޒް ކަނޑުއޮޅިން ބޭރުން ކަމަށްވާތީ، ވިޔަފާރި ބޯޓުފަހަރަށް ކުރިމަތިވެފައިވާ ނުރައްކާތައް މުޅި ގަލްފު ސަރަޙައްދަށް ފެތުރެމުންދާ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އަދި މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅިން، ޙުއްދަ ނުދޭ އުޅަނދުފަހަރު ދަތުރުކުރުން ހުއްޓުވާނެ ކަމަށް އީރާނުން އިންޒާރު ދީފައިވާތީ، ފަހަކަށް އައިސް މި ސަރަޙައްދުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އޮތް ނުރައްކާ ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މީގެ އިތުރުން، މި ހަފުތާގެ ކުރީކޮޅު ޤަތަރުގެ އައްސޭރިފަށުގެ ބޭރުން ވެސް އެހެން ޓޭންކަރަކަށް މިފަދަ ހަމަލާއެއް އަމާޒުވެފައިވާތީ، އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ކަނޑުދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ކަނޑުގެ ސަލާމަތީ އިދާރާތަކުން މިހާރު ވަނީ އަންގައިފައެވެ.