ޔަހޫދީންގެ އާންމު އިންތިޚާބުގައި، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިންތިޚާބީ ކެމްޕޭނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޅުގައި ތާއީދުކުރައްވާފައިވަނިކޮށް، ނައިބު ރައީސް ޖޭޑީ ވާންސް ޔަހޫދީ ދައުލަތުގެ އެތެރޭގެ ސިޔާސީ ކަންކަމަށް ވަދެވަޑައިގެން، ވަކި ބޭފުޅަކަށް ތާއީދުނުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.
ޑިޖިޓަލް ޕްރޮގްރާމަކަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގެ ތެރެއިން، ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ނަތަންޔާހޫއަށް ތާއީދުކުރައްވަންތޯ ސުވާލު ދެންނެވުމުން ވާންސް ވިދާޅުވީ، އޭނާގެ އިސްކަން މިވަގުތު އޮތީ އެމެރިކާގެ އެތެރޭގެ ސިޔާސަތަށާއި ކުރިއަށް އޮތް މިޑްޓަރމް އިންތިޚާބުގައި ވާދަކުރާ އެމެރިކާގެ ކެންޑިޑޭޓުންނަށް ކަމަށެވެ.
އަދި އެހެން ޤައުމެއްގެ އިންތިޚާބީ ކަންކަމުގެ ތެރެއަށް ވެދެވަޑައިގަތުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ނަތަންޔާހޫއަށް ތާއީދުކުރައްވަން ނުވަތަ ތާއީދުނުކުރައްވަން ސާފުކޮށް ދެކޮޅު ހައްދަވަނީތޯ ސުވާލު ކުރުމުން ވާންސް ވިދާޅުވީ، މިއީ އެއްވެސް ޒާތެއްގެ ޢަދާވާތްތެރިކަމެއް އޮވެގެން ނިންމެވި ނިންމެވުމެއް ނޫން ކަމަށެވެ.
"އަޅުގަނޑު އޭނާއާ ދެކޮޅެއް ވެސް ނޫން، އަދި ތާއީދެއް ވެސް ނުކުރަން. އަޅުގަނޑުގެ ވިސްނުމަކީ ޔަހޫދީންގެ އިންތިޚާބީ ކަންކަމުގެ ތެރެއަށް ނުވަނުން،" ވާންސް ވިދާޅުވިއެވެ.
ވާންސްގެ މި ވާހަކަތައް މިފަދަ ގޮތަކަށް އައިސްފައި މިވަނީ، ޓްރަމްޕްގެ ރަސްމީ ވިސްނުންފުޅާ މުޅިން ތަފާތު ގޮތަކަށެވެ. އޮކްޓޯބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔަހޫދީންގެ އާންމު އިންތިޚާބާ ދިމާކޮށް، ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފުރިހަމަ ތާއީދު އޮތްކަން އިޢުލާނުކުރައްވާފައެވެ.
މީސްމީޑިޔާގައި ޓްރަމްޕް ޝާއިއުކުރެއްވި ބަޔާނެއްގައި، ހަނގުރާމައިގެ މި ދަނޑިވަޅުގައި ނަތަންޔާހޫ ދައްކާ އިސްނެގުމާއި އީރާނާ ދެކޮޅަށް އެމެރިކާއާއެކު ކުރެވެމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައިވެއެވެ. އަދި މި އިންތިޚާބުގައި ޔަހޫދީން އެހެން ވެރިޔަކު އިޚްތިޔާރުކޮށްފިނަމަ، މެދުއިރުމަތީގެ ސަލާމަތީ ޒިންމާތައް އެމެރިކާއިން އެކަނި އުފުލަން ޖެހިދާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އިންޒާރު ވެސް ދެއްވައިފައެވެ.