އައިޖީއެމްއެޗްގައި ޤާއިމްކުރެއްވި ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރުގެ ޚިދުމަތް މިއަދު ފަށްޓަވައިފިއެވެ.
އައި.ޖީ.އެމް އެޗުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު ކުރިޔަށް ގެންދަވަނީ ކަމާ ގުޅުން ހުރި ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތެވެ. މި ޚިދުމަތް ދެއްވަން މިއަދު ފެއްޓެވިނަމަވެސް އަދި މި ސެންޓަރ ރަސްމީގޮތުން ހުޅުއްވާފައެއް ނުވެއެވެ.
"ނެފްރޯ-ޔޫރޯ ރީނަލް ފާޓީލިޓީ ސެންޓަރ" އަކީ ،ދަރިމައިވުމުގެ މައްސަލަތަކާއި، ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި، ކިޑްނީ ބަލިތަކަށް ފަރުވާދެއްވުމަށްޓަކައި، އިންޑިއާގެ އެން.ޔޫގެ ފަންނީ އެހީތެރިކަމާއެކު ޤާއިމްކުރައްވާފައިވާ މަރުކަޒެކެވެ. އައި.ޖީ.އެމް.އެޗް ގެ މައި ޢިމާރާތުގެ އެއްވަނަ ފަންގިފިލާގައި ޤާއިމްކުރައްވާފައިވާ މި ސެންޓަރުގައި، މި ދާއިރާއިން މިހާރު ރައްޖޭގައި ލިބެން ނެތް ވަރަށް ގިނަ ޚިދްމަތްތަކެއް ލިބޭނޭކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ.
ޑރ. ޝިހާމް ވިދާޅުވީ، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާދިނުމަށް ނަން ނޯޓްކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ހުޅުއްވާލެއްވި ފުރުޞަތުގައި 300 އަށްވުރެ ގިނަ މީހުން ނަން ނޯޓްކޮށްފައިވާ ކަމަށާއި، މިހާރުވެސް ޑިސެމްބަރުމަހުގެ 8 އާ ހަމަޔަށް އެޕޮއިންޓްމެންޓް ފުލްވެފައިވާކަމަށެވެ. އެހެންކަމުން ދެ ދަންފަޅިއަކަށް ބައްސަވާލައިގެން ދުވާލަކު 40 މީހުންނަށް އެސެންޓަރުން ޚިދުމަތްދެއްވަން ހަމަޖެހިފައިވާކަމަށެވެ.
ޑރ. ޝިހާމް ވިދާޅުވީ، ޚިދުމަތް މި ފެއްޓެވީ ބައެއް މުހިންމު ޕްރޮސީޖާރތައް ހެދެން ނެތްނަމަވެސް މުސްތަޤްބަލުގައި މިދާއިރާއާއި ގުޅުން ހުރި އެންމެހައި ފަރުވާތަކާއި އޮޕަރޭޝަންތައް މި ސެންޓަރުގައި ޤާއިމްކުރެވިގެންދާނޭތީކަމަށެވެ. މިހާރުވެސް ކަމަށް ބޭނުންވާ އެންމެހައި ޓެސްޓުތައް ހެދޭނޭ އިންތިޒާމްތަކާއި، ޒަމާނީ މެޝިނަރީޒްއާއި، މިދާއިރާއަށް ޚާއްޞަކޮށް ތަމްރީން ކުރެވިފައިވާ ޤާބިލް ނަރުހުންނާއި ޞިއްޙީ އެހީތެރިން މިހާރު އެސެންޓަރުގައި ތިބުމާއެކު، އެންމެ ނާޒުކު ޕްރޮސީޖާރަތައްވެސް އެސެންޓަރުގައި ކުރިޔަށް ގެންދެވުމަކީ މާބޮޑު ކަމެއް ނޫންކަމަށް ޑރ.ޝިހާމް ވިދާޅުވިއެވެ.
އައި.ޖީ.އެމް.އެޗާއި އިންޑިޔާގެ އެންޔޫ ހޮސްޕިޓަލާއެކު ވެވުނު، 15 އަހަރުގެ އެއްބަސްވުމުގެ ދަށުން ނޭޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރަށް ބޭނުންވާ ފަންނީ ޢާލާތްތަކާއި ޚާއްޞަ ޑޮކްޓަރުންނާއި ފަންނުވެރިން ހަމަޖައްސައިދެއްވާފައި ވަނީ އެ ހޮސްޕިޓަލުންނެވެ.
"ނޭޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު" ޤާއިމްކުރެއްވުމުގެ މަޝްރޫޢަށް ދިވެހި ސަރުކާރުން 2.5 މިލިޔަން ރުފިޔާ، އަދި އެން.ޔޫ ހޮސްޕިޓަލުން 6 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމަށް އައި.ޖީ.އެމް.އެޗުން ހާމަކުރައްވައެވެ.
ކުޑަކަމުދާ ނިޒާމްގެ ބަލިތަކަކީ، އާސަންދައިގެ ޚަރަދުގައި މިހާރުވެސް ރާއްޖެއިން ބޭރަށް ގިނަބަޔަކު ފޮނުއްވަމުން ގެންދަވާ ބަލިތަކެކެވެ. އަދި ދަރިން ނުލިބުމުގެ މައްސަލަތައް ދިމާވެގެން އެކަމުގެ ފަރުވާއަށްވެސް ކޮންމެ އަހަރަކު އެތައް ބަޔަކު ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަމުންދެއެވެ.