ސިއްހަތު

"އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް"


ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ކުދި ގައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި، އެކަމުގެ ސަބަބުން ސިއްޙީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގައި ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޝަންހާއީގައި ބޭއްވި، ނުވަ ވަނަ "ގްލޯބަލް ކޮންފަރެންސް އޮން ހެލްތް ޕްރޮމޯޝަން"ގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް ދެއްވި ބަޔާނުގައި ވިދާޅުވީ، ތިމާވެށީގެ މައްސަލަ ތަކުގެ ތެރޭގައި، ރަށްގިރުމާއި އުދައެރުން ފަދަ މައްސަލަތަކާއި ރައްކާތެރިގޮތުގައި ކުނިމެނޭޖް ކުރެވޭނެ އިންތިޒާމް ވޭތުވެދިޔަ އަހަރުތަކުގައި ހަމަޖެހިފައި ނެތުމަކީ އެކި ބަލިތައް ފެތުރި އާއްމު ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ ހުރަހެއް ކަމުގައެވެ. 

އަދި  އެފަދަ މައްސަލަތައް ހައްލުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި، ނަމަވެސް ވަޞީލަތްތައް މަދުވެފައި، ރަށްރަށް އޮންނަގޮތުން އެކަންކަން ހައްލުކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ބަޔާނުގައި ވަނީ، ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ތިމާވެށީގެ ސަބަބުން ދިމާވާ މައްސަލަތައް ކުޑަކުރުމަށް ފަރުދީގޮތުންނާއި ޖަމާޢަތުގެ އިތުރުން ބައިނަލް އަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

އަދި މިގޮންޖެހުންތަކައެކުވެސް ރާއްޖޭގެ ސިއްހީ ދާއިރާއިން ހޯދަމުންދާކާމިޔާބީތަކުގެ މައްޗަށް މިނިސްޓަރުގެ ބަޔާނުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ގައިން ގަޔަށް އަރާ ގިނަ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކުރެވިފައިވާއިރު، އޭގެ ތެރެއިން މެލޭރިއާ ފަދަ ބައެއް ބަލިތައް ރާއްޖެއިން މުޅިން ނައްތާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންފެރެންސްގެ ތެރެއިން އެކުލަވާލި ޝަންހާއީ ޑެކްލެރޭޝަން އޮފް ހެލްތު ޕްރޮމޯޝަންގައި މިނިސްޓަރ ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމަކީ، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތު ރަނގަޅު ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމާއި، ޞިއްޙަތަށް ފައިދާ ނުކުރާ ކަންކަމާއި ގުޅުންހުރި ޤަވާއިދުތައް އެކުލަވާލުމަށް ވެވުނު އެއްބަސްވުމެކެވެ. 

ޗައިނާގެ ޝަންހައީގައި މިމަހުގެ އެކާވީހުން ސައުވީހަށް ބޭއްވި، ނުވަ ވަނަ "ގްލޯބަލް ކޮންފަރެންސް އޮން ހެލްތް ޕްރޮމޯޝަން"ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. 

މި ކޮންފަރެންސަކީ ،ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށްޓަކައި ޞިއްޙީ ދާއިރާ ކުރިއެރުވުމުގައި ހެކި ބޭނުންކޮށްގެން ޞިއްޙީ ދާއިރާ ކުރިއަރުވާނެ ގޮތްތަކާއި ބެހޭ ގޮތުން މެމްބަރު ގައުމުތަކަށް ފަންނީ ލަފަޔާއި އިރުޝާދު ދީ، އަދި ޢަމަލީ ގޮތުން އެކަންތައް ދަސްކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. 

ދުނިޔޭގެ އެކި ގައުމުތަކުން އެއްހާހަށްވުރެ ގިނަ މަންދޫބުން މި ކޮންފަރެންސްގައި ބައިވެރިވީއިރު، އޭގެތެރޭގައި ސާޅީހަށްވުރެ ގިނަ ހެލްތު މިނިސްޓަރުންނާއި، ޞިއްޙީ ދާއިރާ އާއި ގުޅުންހުރި އެކި ދާއިރާތަކުން އެކިފަންތީގެ ތަޖުރިބާކާރުންނާއި މާހިރުން ބައިވެރިވިއެވެ. 

މި ކޮންފެރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި،

2030 ގައި ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރާނެ ގޮތް މެމްބަރު ގައުމުތަކަށް ދަސްކޮށްދިނުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޞިއްޙީ ދާއިރާއަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. ހަމައެއާއެކު، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި މުޖުތަމައުގައި ހުރި ޞިއްޙަތާއި ގުޅުން ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ވަކިވަކި ފަރުދުންނާއި، މުޖުތަމައު، އަދި ސަރުކާރުތައް ބާރުވެރިކުރުވުމާއި، ޞިއްޙީ ދާއިރާ އާއި ބެހޭ ގޮތުން އެއްގައުމާއި އަނެއްގައުމުގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރުން ހިމެނެއެވެ.