ޚަބަރު

މިއީ އިނގިރޭސިވިލާތާ އެކުއޮތް ގުޅުން ރަނގަޅުކުރަންވީ ވަގުތު


މަޤްބޫލު ބައެއް ސަބަބުތަކާހުރެ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުމާއި، އިނގިރޭސިވިލާތުން ވިލާތުގެ އިއްތިޙާދާ ވަކިވުމަށް ނިންމި ނިންމުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށް ދިވެހިރާއްޖެއިން އިގިރޭސިވިލޭތަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު ވިދާޅުވެއްޖެ. ސަފީރު އަޙްމަދު ޝިޢާން ވިދާޅުވީ މިފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަކުން ވަކިވުމަށް ދެޤައުމުން ނިންމި ނިންމުމަކީ ދެޤައުމުގެ އަމިއްލަވަންތަކަމާއި ޞިޔާދަތު އިތުރަށް ވަރުގަދަވެގެންދާނެ ނިންމުންތަކެއް ކަމަށެވެ. އެހެންކަމުން މިއީ ދެ ޤައުމުގެ ހުރި އެއްގޮތް ސިފައެއްކަން ސަފީރު ފާހަގަކުރެއްވިއެވެ. tw:https://twitter.com/PSMnewsmv/status/807308945555525632

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމަވާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އިނގިރޭސިވިލާތުން ޔޫރަޕްގެ އިއްތިޙާދާ ވަކިވުމަށް ފެންނަކަމަށް އެޤައުމުގެ ރައްޔިތުންގެ ވޯޓުން ކަނޑައަޅާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މި ނިންމުމާއެކު ދިވެހިރާއްޖެއިން ނިމުމަކަށް ގެނައީ 34 އަހަރުވީ ގުޅުމެކެވެ. އަދި އިނގިރޭސިވިލާތުން ނިމުމަކަށް ގެނައީ 43 އަހަރުވީ ގުޅުމެކެވެ.

އެހެންނަމަވެސް ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުމަކީ ދުނިޔޭގެ އެހެން ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުން ކަނޑާލައި އެކަހެރިވެގަތުމަށް ނިންމި ނިންމުމެއް ނޫނެވެ. ދިވެހި ސަރުކާރުން ކޮމަންވެލްތުން ވަކިވުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރައްވައި، ދުސްތޫރީ އަދި ޤާނޫނީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައް ބަލައިގަތުމަށް ކޮމަންވެލްތުން ކަނޑައެޅިގެން ދެކޮޅުހަދަމުންދިއުމުގެ ސަބަބުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބާރުފޯރުމަށް މަސައްކަތްކޮށް، ކޮމަންވެލްތުގެ ގުނަވަންތަކުން ތަކުރާރުކޮށް ރާއްޖެއާމެދު ނާއިންސާފުން ޢަމަލުކުރަމުންދިޔަ ދިއުމަކީ ދިވެހި ދައުލަތާއި ރައްޔިތުންނާމެދު ކޮމަންވެލްތުން ހެޔޮނިޔަތެއް، އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވެގެން ދިޔަ ކަމެކެވެ.

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން އިނގިރޭސިވިލާތުގެ ނޫހަކަށް ލިޔުއްވި ލިޔުމެއްގައި ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތުން ވަކިވުމަށް ނިންމުކަމީ އިނގިރޭސިވިލާތާ އޮންނަ ގުޅުން ކަނޑާލުމަށް ނިންމި ނިންމުމެއް ނޫން ކަމަށާއި، އެހެން އެހެން ޤައުމުތައް ފަދައިން އިނގިރޭސިވިލާތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ރާއްޖެއިން އިސްކަން ދޭކަމުގައެވެ. އަދި މިއީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެންމެ އެދެވޭ ވަގުތުކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ސަފީރު ލިޔުއްވާފައިވެއެވެ. ސަބަބަކީ އިނގިރޭސިވިލާތުން ވިލާތުގެ އިއްތިޙާދާއި ވަކިވުމަށް ނިންމުމާއި، ރާއްޖެއިން ކޮމަންވެލްތުން ވަކިވުމަށް ނިންމި ނިންމުމުގައި އެއްގޮތް ކަންތައްތަކެއް ހުރުމާއި، ދެޤައުމުގެ މި ނިންމުންތަކާއެކު ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމުކުރުމުގެ މިނިވަންކަން ދެޤައުމަށްވެސް އިތުރަށް ފުޅާވެގެން ގޮސްފައިވާތީ ކަމަށެވެ.

ޔޫރަޕްގެ އިއްތިޙާދަކީ ދިވެހިރާއްޖެއަށް މުހިންމު ޖަމާޢަތެއް ކަމަށާއި، އެހެންނަމަވެސް އިނގިރޭސިވިލާތް އެ އިއްތިޙާދުގެ މެންބަރެއްގެ ގޮތުގައި ހިމެނުން ވެގެންދިޔައީ އެޤައުމާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް ކުރިމަތިވި ހުރަހަކަށް ކަމަށް ޝިޢާން ލިޔުއްވާފައިވެއެވެ. ސަބަބަކީ އިޤްތިޞާދީ އެކި ނިންމުންތައް ނިންމުމުގައި ޔޫރަޕްގެ އިއްތިޙާދު މެދުވެރިކުރަންޖެހޭ ޖެހުންކަމަށް ޝިއާން ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް މިހާރު މި ހުރަސްތައް ނެތެމުން ދިއުމަކީ ހެޔޮފާލެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއިން އިޤްތިޞާދީ ދާއިރާގައި ހޯދަމުންދާ ކުރިއެރުންތަކާއި، ބައިނަލްއަޤްވާމީ އިޤްތިޞާދަށް ދިވެހިރާއްޖެ ހުޅުވެމުންދާ ދިއުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރަށް ޤާއިމުކުރުމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް ރާއްޖެއިން އިނގިރޭސިވިލާތައް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިޔުއްވާފައިވެއެވެ.

ދެޤައުމުގެ ދެމެދުގައި ނުތަނަވަސްކަމެއް އުފެދިފައިވާނަމަ އެކަން ނައްތާލުމަށް މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ޝިޢާންގެ ލިޔުމުގައި ބަޔާންކުރައްވާފައިވެއެވެ.

ކޮމަންވެލްތުން ވަކިވުމަށް ރާއްޖެއިން ނިންމުމަކީ ދުނިޔޭގެ ޤައުމުތަކާއި ގުޅިގެން އިޞްލާޙީ މަސައްކަތް ކުރުމަށް ރާއްޖެއިން ދެކޮޅު ހެދުން ނޫން ކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްވެސް މީގެކުރިން ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖެއިން އަބަދުވެސް ބޭރުގެ ދައުލަތްތަކުގެ އިޚްލާޞްތެރި އަދި ބިނާކުރަނިވި ފާޑުކިއުންތައް ބަލައިގަންނާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމިނަމަވެސް ރާއްޖެއަކީ ބައިނަލްއަޤުވާމީ ގިނަ ޖަމިއްޔާތަކެއްގައި އިސްކޮށް ޙަރަކާތްތެރިވާ ޤައުމެކެވެ. އޭގެތެރޭގައި އެއޯސިސް، ސާރކް އަދި އޯ.އައި.ސީ ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނެއެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެތައް ޤައުމުތަކަކާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށް އެޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ޤައުމެކެވެ. މިކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖެ އޮތީ އިޞްލާޙީ މަސައްކަތްތަކުގައި ދުނިޔޭގެ އެހެން ޤައުމުތަކާއި ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ތައްޔާރަށް ކަމެވެ.