ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަޢުޤުވެރިކަމެއް އުފެދެނީ ރާއްޖޭގެ ސާފުތާހިރު ކަމާއި ތިމާވެށީގެ ރީތިކަމަށެވެ. ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުފެދޭ ކުނި މެނޭޖްކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ގޮނޑުދޮށްތަކާއި ފަޅުތަކުގެ އިތުރުން ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި ސާފުތާހިރުކަމަކީ ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންވެސް އެކަމެއްގެ ވާހަކަ ދައްކާ ކަންކަމެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި ގިނަ ބައެއްގެ މެދުގައި ރާއްޖެ މަޝްހޫރުވެފައިވާއިރު ރާއްޖެއަށް ލިބިފައިވާ ގުދްރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމުކަމެކެވެ.
ރާއްޖެ ކަހަލަ ކުޑަގައުމުގައި ޤާއިމުރާ މިފަދަ ނިޒާމެއްގައި ރީސައިކަލް ކުރުމާއި ރީ ޔޫސް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ.
ކުނީގެ ގޮތުގައި އުފެދޭ ޕްލާސްޓިކް ކޮތަޅާއި ފުޅި ފަދަ ތަކެތީގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބެމުންދެއެވެ. ކުނީގެ ގޮތުގައި އުފެދޭ ޕްލާސްޓިކް ފާނާވުމަށް 100 އަށްވުރެގިނަ އަހަރު ހޭދަވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ބިމުގައި ވަޅުލި ނަމަވެސް ޕްލާސްޓިކް ފަނާވުމަށް ގިނަ ދުވަސްތަކެއް ނަގާކަން ދިރާސާތަކުން ދައްކައެވެ.
ރާއްޖޭގެ ތިމާވެއްޓާއި ބީރައްޓެހި ޕްލާސްޓިކަކީ ތިމާވެއްޓާއި ރައްޓެހި ބޭނުންތެރި އެއްޗަކަށް ހެދިދާނެކަމުގެ ސުވާލު ގިނަބަޔަކު އުފައްދަމުންދާއިރު ވޭސްޓް މެނޭޖްމެންޓް ސެންޓަރުން މިހާރު ގެންދަނީ މާލޭގެ ކަލެކްޝަން ސެންޓަރަށް ކުނީގެ ގޮތުގައި ޖަމާކުރާ ޕްލާސްޓިކް ވަކިކޮށް ރީސައިކަލް ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ ރާއްޖޭގައި ކުނީގެ ގޮތުގައި އުފެދޭ ޕްލާސްޓިކް ފުޅި ފަދަތަކެތި ވަކިކޮށް އެތަކެތި ރީސައިކަލްކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ބައެއް ހުރަސްތައް ކުރުމަތިވެފައިވާކަމަށެވެ. މިކަން ޙައްލުކުރުމަށް ކުނި އުކާލުމުގެ ކުރިން އޭގައި ހިމެނޭ ޕްލާސްޓިކާއި އެހެނިހެން ބާވަތްތައް ވަކިކުރުމަށްފަހު އުކާލަންޖެހޭކަން އެނާ ފާހަގަކުރެއްވިއެވެ.
" ޕިކަޕްތަކުގައި ގެންނަ ގެނައުމުގަވެސް ރީސައިކލް މެޓީރިއަލް ވަކީން ގެނެސްދެއްވައިފިއްޔާ އަޅުގަނޑުމެން އެމެޓީރިއަލް އެބަ ނަގަން އަދި ޕްރޮސެސް ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަ ގެންދަން . ފާހަގަކޮށްލަން ބޭނުންވަނީ ޕްލާސްޓިކު ރީސައިކަލިންގަ މިހާރު ނެގެނީ 5 ލީޓަރު ފުޅި. އެހެންނަމަވެސް މާލޭގައި 1.5 ލީޓަރާއި 500 އެމް އެލްގެ ފުޅި ބޭނުން ކުރަމުންދޭ. އެހެންނަމަވެސް އަޅުގަނޑުމެންނަކަށް އެފުޅިއެއް ނުނެގޭ މައިގަނޑު އެންމެ ބޮޑު ސަބަބކީ އޭ ވަކީން ނާނަކަން . " ފުވާދު ވިދާޅުވިއެވެ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރ އިބުރާޙިމް ފުވާދު ވިދާޅުވީ ޕްލާސްޓިކު ފުޅި ރިސައިކަލްކުރުމުގެ މަސައްކަތް އެކުންފުނިން ފެށުމާއި އެކު ގޭބިސީތަކާއި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން ވަރަށްބޮޑު ތަރުހީބެއް ލިބެމުން ދާކަމަށެވެ. އަދި ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއްކުރާ އެއްޗަކަށް ޕްލާސްޓިކް ވީ ނަމަވެސް ، އެތަކެތި ބޭނުންކޮށްގެން ޢާމްދަނީ ހޯދުމުގެ ފުރުސަތު ރާއްޖޭގައި އެބައޮތްކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
" ބޫޓް އަދި ޖޯޒީއުފެއްދުމުގެ ކަންތައްތަށް އެޑިޑަސް އާއި ގުޅިގެން ކުރިއަށްއެބަގެންދަވާ ، އެހެންވީވާ ޕްލާސްޓިކު ފުޅިއަކީ އަޅުގަނޑުމެން ޕާލޭއާއި އެކު ކުރެވެމުންދާ މަސައްކަތެއްގެ ތެރެއިން ކަލެކްޓް ކުރެވޭ ފުޅި " ފުވާދު ވިދާޅުވިއެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޒިންމާއެކެވެ. އެހެންކަމުން ތިމާވެށީގެ ހިމާޔަތަށް ކުރާ މިފަދަ މަސައްކަތަކަށް ދިވެހި ކޮންމެ ފަރުދަކުވެސް ފުރިހަމަ އެއްބާރުލުން ދޭންޖެހެއެވެ.