މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އާރް.ޑީ.ސީއަކީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުހިއްމު ޚިދުމަތްތަކެއް ދެމުން އަންނަ އެއް ކުންފުންޏެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ގަލުގެ %90 ސަޕްލައިކޮށްދެނީ އެމް.އާރް.ޑީ.ސީންނެވެ. އެކުންފުނިން މިހާރުވެސް އަންނަނީ އެކުންފުނީގެ ޕްރޮޑަކްޝަން ކެޕޭސިޓީ އިތުރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
2010 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އާރް.ޑީ.ސީގެ އޮފީސްތައް މާލޭގެ އިތުރުން، ރާއްޖޭގެ 4 ސަރަޙައްދެއްގައި ވަނީ ޤާއިމުކޮށްފައެވެ. އެއީ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ. އެހެންނަމަވެސް، އެކުންފުނީގެ ޕްރޮޑަކްޝަން ޔުނިޓްތަކަށް ބޭނުންވާ މަސައްކަތް ކުރަމުންދަނީ މާލެއާއި، ތިލަފުށީގައެވެ.
ޢިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ގައު އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ މާލޭގެ އެމް.އާރް.ޑީ.ސީ ހެޑް އޮފީހުގައި ޤާއިމުކޮށްފައިވާ ޕްރޮޑަކްޝަން ޔުނިޓުގައެވެ. އަދި އެކުންފުނިން އަތޮޅުތަކުގައި ހިންގާ މަގުހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ "ޕްރީކާސްޓް މެޓީރިއަލްސް" ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ ތިލަފުށީގައެވެ. އެކުންފުނީގެ މާލޭގެ ޕްރޮޑަކްޝަން ޔުނިޓުން ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ 7 ވައްތަރެއްގެ ގައު އުފެއްދައެވެ. މި މަސައްކަތް ކުރުމަށް 3 މެޝިނެއް ބޭނުންކުރެއެވެ.
މިކަމުގައި އެކުންފުނީގެ 57 މުވައްޒަފަކު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މާލޭގެ ޕްރޮޑަކްޝަން ސައިޓުގެ މަސައްކަތްތަކުގެ ތަފްސީލް ޕީ.އެސް.އެމްއާ ޙިއްސާކުރައްވަމުން އެމް.އާރް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މަމްދޫޙު ވިދާޅުވީ، އެކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ 4 އިންޗީގެ ހޮލޯ ބޮލްކްސްއާއި، ގެދޮރުފަދަ ތަންތަން ޢިމާރާތްކުރުމަށް ބޭނުންކުރާ ކުދި ގަލަށް ކަމަށެވެ.