ޚަބަރު

ފާއިތުވެދިޔައީ ކުށްކުރުން މަދު 3 އަހަރު


ދިވެހިރާއްޖޭގައި އިޖްތިމާއީ ރައްކާތެރިކަން ޤާއިމުކުރެއްވުމަށް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތުން މުޖުތަމައުގައި ކުށްކުރުން މަދުވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އަމާން ވެއްޓެއް ޤާއިމުކޮށްދެއްވުމަކީ ސަރުކާރުގެ މައިގަނޑު ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ސަރުކާރުގެ މި ވަޢުދުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި މުހިންމު މަސައްކަތަކެއް ކުރައްވާފައިވެއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި ކުށްކުރުން މަދުވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މާރާމާރީއާއި ބޮޑެތި ކުށްތައް ކުރާ މިންވަރު ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ %13 ދަށަށްގޮސްފައެވެ. 

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކި އެކި ކުށްތައް ކޮށްގެން ފުލުހުންނަށް ރިޕޯޓް ކުރެވޭ މިންވަރު އަހަރަކަށްވުރެ އަހަރެއް ވަނީ ދަށަށްގޮސްފައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި އެކި އެކި ކުށްތައް ކޮށްގެން ފުލުހުންނަށް ރިޕޯޓް ކުރެވުނު މައްސަލަތަކުގެ ޢަދަދު އެންމެ މަދު އަހަރަކީ 2016 ވަނަ އަހަރެވެ. އެގޮތުން 2016 ވަނަ އަހަރު ފުލުހުންނަށް ހުށައެޅިފައިވަނީ 16293  މައްސަލައެވެ. 2013 ވަނަ އަހަރުގެ ނިޔަލަށް މި ޢަދަދު އުޅެނީ 21885 ގައެވެ.

ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގެ ޢަދަދުވެސް %60 ދަށަށް ގޮސްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުންދައްކައެވެ. 2013 ވަނަ އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރާއާއި ގުޅުންހުރި 3965 މައްސަލަ ފުލުހުން ބައްލަވާފައިވާއިރު 2016 ވަނަ އަހަރު މިޢަދަދު ވަނީ 2378 އަށް ދަށްވެފައެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުށް ތަކުރާރުކުރާ ފަރާތްތަކުގެ އަދަދުވެސް 12 އިންސައްތަ ދަށްވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގައި އިޖްތިމާއީ އަމާން ވެއްޓެއް ޤާއިމުކުރުމަށް ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބްލޫސް ފޯ ޔޫތް އަދި ރެޑީ ކޭންޕް 9954 މީހުން ފުރިހަމަކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.