ޚަބަރު

އިންތިޚާބު މޮނިޓަރ ކުރުމާއި އޮބްޒާރވް ކުރުމަށް ހުޅުވާލައިފި


އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބު މޮނިޓަރ ކުރުމާއި އޮބްޒާވް ކުރުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު އަނެއްކާވެސް ހުޅުއްވާލައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު މޮނިޓަރ ކުރުމަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތަކުގެ މަންދޫބުންނަށް ފޯމް ހުށައެޅުމުގެ ފުރުޞަތު މިފެބުރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައްވާފައެވެ. އަދި އިންތިޚާބުގެ ވޯޓް ނެގުމާއި ގުނުމުގެ ކަންކަން އޮބްޒާރވް ކުރުމަށް އެދޭ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ މަންދޫބުންނާއި، އަމިއްލަ ފަރާތްތަކުން ފޯމް ހުށައެޅުމުގެ ފުރުޞަތުވެސް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނޮވެމްބަރު އަދި ޑިސެމްބަރުމަހު ކުރެއްވި އިޢުލާނާ ގުޅިގެން އިންތިޚާބު މޮނިޓަރ ކުރުމަށް ނުވަތަ އޮބްޒާރވް ކުރުމަށް ފޯމް ހުށައަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށައަޅަން ނުޖެހޭނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އޮބްޒާރވް ކުރުމާއި މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެފުރުޞަތު ހުޅުއްވާލައްވާފައިވަނީ އިންތިޚާބު ބާއްވަވާ ތާރީޚު ލަސްކުރެއްވުމާ ގުޅިގެންނެވެ.