އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި މިހާތަނަށް 11000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ނަޒާޙަތްތެރިކަމުގެ ވަޢުދުގެ ނަމުގައި ދައުލަތުގެ މުއްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ސޮއިކުރާގޮތަށް އެންޓިކޮރަޕްޝަން ކޮމިޝަނުން 2012 ވަނަ އަހަރު ފެއްޓެވި ކެމްޕެއިންގެ ތެރޭގައި ހިމަނުއްވައިގެން ކެމްޕެއިންގެ ނަން "ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދު" މިނަމަށް ބަދަލުކުރައްވައި މި ކެމްޕެއިން އެ ކޮމިޝަނުން ފެއްޓެވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުވުމުގެ ބޭނުމަކީ، ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކުރުމާއި، ނަޒާޙަތްތެރިވުމަށް ބާރުއެޅުއްވުމާއި، ދައުލަތުން ދެއްވާ ޚިދުމަތްތައް އިންސާފުވެރިކަމާއެކު، ދެއްވުމުގައި ދެފުށް ފެންނަގޮތަކަށް ކަންކަން ކުރުމަށް މުވައްޒަފުންނަށް ހަނދާންކޮށްދެއްވައި އެކަމަށް ބާރުއެޅުއްވުމެވެ. އަދި ދައުލަތުގެ މާލިއްޔަތުން ކުރާ ޚަރަދުތައް ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތެއްގެމަތިން ކުރުމަށް މުވައްޒަފުންނަށް ހަނދުމަކޮށްދެއްވުން ނުވަތަ ބާރުއެޅުއްވުމެވެ.
ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރަށް އަމިއްލަ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުގެ ފުރުޞަތު ހުޅުވިފައިވާކަމަށް އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވިއެވެ.
ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ކުންފުނިތަކާއި، މިނިވަން ބައެއް މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ، އަދި އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުން ވަނީ ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފައެވެ. އަދި މިހާރުވެސް ބައެއް މުއައްސަސާތަކުން މިވަޢުދުގައި ސޮއިކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވަމުން އަންނަކަމަށް އޭސީސީން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް 11176 މުވައްޒަފުން ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފައިވާކަމަށް އޭސީސީން މަޢުލޫމާތުދެއްވައެވެ.
އޭސީސީގެ އެޑިއުކޭޝަން އޮފިސަރ ޢަލީ ޝަމީމް އާދަމް ވިދާޅުވީ، އޭސީސީން ހިންގަވާ މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ގިނަ ރަށްރަށުގެ އިދާރާތަކުގެ މުވައްޒަފުން ޤައުމީ ވަޢުދުގައި ސޮއިކޮށްފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުގައި އޭސީސީން ހިންގެވި އެކި ކެންޕެއިންތަކުގައި އަތޮޅުތަކުގައި މަސައްކަތްކުރާ ގިނައަދަދެއްގެ މުވައްޒަފުން މިވަޢުދުގައި ސޮއިކޮށްފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ.
ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގެ ނަމުގައި ފަށްޓަވާފައިވާ ކެމްޕެއިން އިތުރަށް ފުޅާކުރައްވައި ސަރުކާރުގެ ވަޒީފާއަށް ވަންނަ ކޮންމެ މީހަކަށްވެސް ވަޒީފާލިބުމާއެކު ވަޢުދުގައި ސޮއިކުރާ ގޮތަށް ކަމާގުޅުން ހުރި ވުޒާރާތަކާ މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އެސީސީން ވިދާޅުވެއެވެ.