އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ހުރި މެޖިސްޓްރޭޓް ކޯޓްތަކުގެ ތެރެއިން ބައެއް ކޯޓްތަކުގައި މީގެ ފަސްއަހަރު ކުރިން، 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު ބަޔަކު ހުޅުޖެހުމުގެ ސަބަބުން ލިބުނު ގެއްލުންތައް އަދިވެސް ފޫބެއްދިފައި ނުވާކަމަށް ޝަރުޢީ ދާއިރާއިން ހާމަކުރައްވައިފިއެވެ.
ޝަރުޢީ ދާއިރާއިން ސިފަކުރައްވާގޮތުގައި 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު ދިވެހިރާއްޖޭގެ ކޯޓްތަކަށް ދިން މި ޙަމަލާގެ ސަބަބުން ޝަރުޢީ ދާއިރާގެ ޢުމުރާނީ ތަރައްޤީ ވަނީ އެތައް އަހަރެއް ފަހަތަށް ޖެހިފައެވެ. 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސް އިސްތިޢުފާދެއްވައި، ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމާއި ގުޅިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އަތޮޅުތަކުގައި ހުރި ބައެއް މުއައްސަސާތަކުގެ ޢިމާރާތްތަކަށް ހުޅުޖަހާ ގެއްލުންދީފައިވެއެވެ.
އެގޮތުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ޝަރުޢީ ކޯޓްތަކުގެ ބައެއް ޢިމާރާތްތަކަށްވެސް ގެއްލުންދީފައިވެއެވެ. ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ހަމަނުޖެހުންތަކުގައި ޝަރުޢީ ކޯޓްތަކުގެ 8 ޢިމާރާތަކަށް ހުޅުޖަހާ ގެއްލުންދީފައިވެއެވެ. މި ޙާދިސާއަށް މިއަދަށް 5 އަހަރު ވެފައިވާއިރު އަންދާލި ކޯޓުތަކުގެ ތެރެއިން ބައެއް ތަންތަން އަދިވެސް މަރާމާތު ނުކުރެވި ވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. އަދި މި ޙަމަލާތަކުގެ ސަބަބުން ޝަރުޢީ ދާއިރާގެ ޢުމުރާނީ ތަރައްޤީ އެތައް އަހަރެއް ފަހަތައް ޖެހިފައިވާކަމަށް ޝަރުޢީ ދާއިރާއިން ވިދާޅުވެއެވެ.
އެގޮތުން 8 ކޯޓުގައި ހުޅުޖަހާ، އެތަންތާގައި ހުރި ރައްޔިތުންގެ ޙައްޤުތަކާގުޅޭ ހުރިހާ ލިޔުމެއް ނައްތާލައި، 70 އަހަރު ވަންދެން ރައްކާކުރެވިފައިވާ ޝަރުޢީ ލިޔުންތައް އަބަދަށް ނައްތާލާފައިވާ ކަމަށް ޖުޑީޝަރީން މައުލޫމާތު ދެއްވައެވެ. ދެކުނުގެ އަތޮޅުތަކުގެ ތެރެއިން އައްޑޫ ސިޓީގެ 5 މެޖިސްޓްރޭޓް ކޯޓް ޢީމާރާތުގައި އަލިފާން ޖަހާފައިވާއިރު މީގެތެރެއިން 2 ކޯޓް ޢިމާރާތަށް ލިބުނު ގެއްލުން މަރާމާތު ކުރެވިފައިވެއެވެ. އަދި ބާކީ 3 ކޯޓްގެ މަސައްކަތަށް ކުރިއަށްދަނީ އެހެން ޢިމާރާތްތަކުގައި ކަމަށް ޝަރުޢީ ދާއިރާއިން މައުލޫމާތު ދެއްވައެވެ.
ގދ. ތިނަދުއާއި ރަތަފަންދޫ، އަދި ފުވައްމުލައް ސިޓީގެ މެޖިސްޓްރޭޓް ކޯޓްގެ ޢިމާރާތައް ލިބުނު ގެއްލުން މަރާމާތުކުރައްވައި ކޯޓްގެ މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށް ޖުޑީޝަރީން މައުލޫމާތު ދެއްވައެވެ. ފެބުރުއަރީ 8 ވަނަ ދުވަހު ހިނގި ޙާދިސާއަށް 5 އަހަރު ފުރުމާއި ގުޅިގެން ނެރުނު ރިޕޯޓްގައި ޝަރުޢީ ދާއިރާއިން ވަނީ މިފަދަ ޙާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
8 ފެބުރުއަރީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި ޝަރުޢީ ކޯޓްތަކުގެ ޢިމާރާތްތަކަށް ދިން ގެއްލުންތަކުގެ ޢަދަދު 50 މިލިއަނަށް އަރައެވެ. އަދި ފުލުހުންގެ ޢިމާރާތްތަކަށް ދިން ގެއްލުންތަކުގެ ޢަދަދު 100 މިނިއަނަށް އަރައެވެ.