ރިޕޯޓް

ދުނިޔޭގެ އިޤްތިޞާދުގައި ސަޢޫދީ ޢަރަބިއްޔާގެ ބައިވެރިވުން


ސަޢޫދީ ޢަރަބިއްޔާއަކީ މުއްސަނދި ދައުލަތެއްކަމުން، އެޤައުމުން ގެންދަނީ އިޤްތިޞާދީގޮތުން ދުނިޔޭގެ ބޮޑެތި ޤައުމުތަކާއެކު އިތުރަށް ގުޅުންބަދަހިކުރަމުންނެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާއިން އެމެރިކާއާއި، ޗައިނާއާއެކު ބާއްވަމުން ގެންދާ ގާތްގުޅުމުގެ މައްޗަށް ބަލާލާނަމެވެ. 

އެމެރިކާއާއި ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދެވެ. ސަޢޫދީ ޢަރަބިއްޔާއަކީވެސް މުއްސަނދި ދައުލަތެކެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަކީ ސަޢޫދީ ޢަރަބިއްޔާގެ ދައުލަތުގެ ތެޔޮކުންފުނި އަރަމްކޯއެވެ. ސަޢޫދީ ޢަރަބިއްޔާގެ އިޤްތިޞާދު މައިގަނޑުގޮތެއްގައި ބަރޯސާވެފައި އޮންނަނީ ތެލަށެވެ. އެހެންކަމުން އެޤައުމުން ގެންދަނީ އެޤައުމުގެ އިޤްތިޞާދު ތެލަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް ބޭރުގެ ދައުލަތްތަކާއެކު އިޤްތިޞާދީ ގުޅުން ބަދަހިކޮށް، ބޭރުގެ ޤައުމުތަކުގައި ހުރި އެޤައުމުގެ އިންވެސްޓްމަންޓްތައް އިތުރުކުރަމުންނެވެ. ހަމައެއާއެކު އެޤައުމަށް އަންނަ ބޭރުގެ އިންވެސްޓަރުން އިތުރުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. 

މިމަސައްކަތްތަކުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުތަކުގެތެރޭގައި ހިމެނޭ އެމެރިކާއާއި، ޗައިނާއާއެކު ސަޢޫދީ ޢަރަބިއްޔާއިން ގެންދަނީ އިޤްތިޞާދީ ގުޅުން ބަދަހިކުރަމުންނެވެ. 

ޗައިނާއަށް ބަލާއިރު، ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގްގެ އިސްނެންގުވުމުގެ މަތިން ފަށްޓަވާފައިވާ ސިލްކު ރޫޓް މަޝްރޫއަށް އެންމެ ފުރަތަމަ ތާއީދުކުރި އެއް ޤައުމަކީ ސަޢޫދީ ޢަރަބިއްޔާއެވެ. މިއީ ޗައިނާއާއެކު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދޭ އިސްކަން ހާމަވެގެންދާ ކަމެކެވެ. ޗައިނާއަކީ ސަޢޫދީ އަރަބިއްޔާގެ އިޤްތިޞާދީ މުހިންމު ބައިވެރިއެކެވެ. 

img:http://s1.psmnews.mv/images/660x400/14891795602695.jpg|ސަޢޫދީ ޢަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު(ކ)، ޗައިނާގެ ރައީސް(ވ)

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެޤައުމުގެ އިސްވެރިން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު 65 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އިޤްތިޞާދީ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. މީގެތެރޭގައި ހަކަތައިގެ ދާއިރާއާއި، އިޤްތިޞާދީ ތަރައްޤިއަށް ކުރާ މަސައްކަތްތަކުގައި އެއްޤައުމު އަނެއްޤައުމާ ވަޞީލަތްތައް ޙިއްޞާ ކުރުމާބެހޭ އެއްބަސްވުންތައް ހިމެނެއެވެ. ސަޢޫދީ ރަސްގެފާނުގެ އޭޝިއާ ދަތުރުފުޅުގައި މިހާތަނަށް ވަޑައިގެންނެވި ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު އިންވެސްޓްމެންޓެއް ކުރެއްވުމަށް ނިންމަވާފައިވަނީވެސް ޗައިނާގައެވެ. 

އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުމަށް ބަލާލާއިރު ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި، އީރާނުގެ ނިއުކުލިއަރ މަޝްރޫޢާ ގުޅިގެން ދެޤައުމުގެ ދެމެދުގައި އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުން ދެޤައުމުގެ ގުޅުމަށް ވަނީ ހީނަރުކަމެއް އައިސްފައެވެ. އެހެންނަމަވެސް އެމެރިކާގެ ރައީސްކަމާ އަލަށް ޙަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަންޕާއި، ސަޢޫދީ ޢަރަބިއާގެ ވަލީއަޙްދުގެ ނާއިބު މުޙައްމަދު ބިން ސަލްމާންގެ ބައްދަލުކުރެއްވުމާއެކު ވަނީ ދެޤައުމުގެ ގުޅުމުގެ ހީނަރުކަން ނެތިގެންގޮސްފައިކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސަޢޫދީ ޢަރަބިއާގެ ވަލީޢަޙްދުގެ ނައިބާއި އެމަރިކާގެ ރައިސްގެ ބައްދަލުކުރެއްވުމަށްފަހު ދެޤައުމުގެ ދެމެދުގައި 200 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެގައި ސޮއިކުރެވުނެވެ. 

img:http://s4.psmnews.mv/images/660x400/14880981581268.jpg|ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މެލޭޝިއާއަށް ވަޑައިގަތުން - ސަޢޫދީ ޕްރެސް އެޖެންސީ

މިއީ 2 ދުވަހުގެ ތެރޭގައި ސަޢޫދީ ޢަރަބިއާއިން ބައިނަލްޢަޤްވާމީ ބޮޑެތި އިޤްތިޞާދުތަކާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ވާހަކައެވެ. މިއެއްބަސްވުންތަކުގެ ޖުމްލަ އަގު 265 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މީގެ އިތުރުންވެސް ސަޢޫދީ ރަސްގެފާނު އޭޝިއާގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުގައި ކުރައްވާ އިންވެސްޓްމެންޓްތަކުގެ ޖުމްލަ އަގު 100 ބިލިއަނާ ކައިރިކުރެއެވެ. އެހެންކަމުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަޢޫދީ ޢަރަބިއާއިން ސޮއިކުރި އިޤްތިޞާދީ އެއްބަސްވުންތަކުގެ ޖުމްލަ އަގު 300 ބިލިއަން އެމެރިކާ ޑޮލަރާ ކައިރިކުރެއެވެ. 

މިއީ ދުނިޔޭގެ އިޤްތިޞާދުގައި ސަޢޫދީ ޢަރަބިއްޔާގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.