ދިވެހިރާއްޖެއާއި ޕެރޫއާ ދެމެދު އުފެދިފައިވާ 28 އަހަރުވީ ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި ރާއްޖެއިން ދެމުންގެންދާ އެއްބާރުލެއްވުމަށްޓަކައި، ޕެރޫގެ އައު ނޮން-ރެޒިޑެންޓް ސަފީރު ޖޯޖް ކަސްތަންޔޭޑާ މެންޑޭޒް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޕެރޫގެ އައު ނޮން-ރެޒިޑެންޓް ސަފީރު މިކަމަށް ޝުކުރު އަދާކުރެއްވީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ޕެރޫއަކީ، ސައުތު އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ. ތިރީސް އެއް މިލިޔަން މީހުން ދިރިއުޅޭ ޕެރޫއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނު މިހާރު މިވަނީ 28 އަހަރުވެފައެވެ. ޕެރޫ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ނޮން-ރެޒިޑެންޓް ސަފީރު އެކަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއާއި ޕެރޫއާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށްޓަކައި ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ތައުރީފު ކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ދެ ޤައުމުގެ ދޭތެރޭގައާއި ބައިނަލްއަޤްވާމީ ގޮތުންވެސް އެ ދާއިރާއިން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރަންޖެހޭކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
img:http://s3.psmnews.mv/images/660x400/14900104790618.jpg|ޕެރޫ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕެރޫއާ ދެމެދު އުފެދިފައިވާ 28 އަހަރުވީ ގުޅުމުގެ އަސްލަކީ ގާތް ރަޙްމަތްތެރިކަމާއި އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމު ކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފާގަތިކަމެއް ފޯރުކޮށްދެއްވުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން އިސްނަންގަވައިގެން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.
ބައިނަލްއަޤްވާމީ ބައެއް މައްސަލަތަކުގައި ރާއްޖެއާއި ޕެރޫއިން ވަރަށް ޚިޔާލު އެއްގޮތްކަން ފާހަގަކުރައްވަމުން، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.