ދައުލަތުގެ ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށާއި ޓެރަރިޒަމްއަށް ހިއްވަރު ލިބޭގޮތަށް ބައެއް ބްރޯޑްކާސްޓަރުން ވާހަކަ ފަތުރަމުންދާކަން ފާހަގަކުރެވިފައެވާކަމަށާ، އެފަދަ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން ނެރުއްވި ބަޔާނެއްގައިވަނީ، ދިވެހި ދައުލަތުގެ ޚާރިޖީ ގުޅުންތަކާއި ދޭދޭ ޤައުމުތަކުގެ މެދުގައި ޤާއިމްކުރެވިފައިވާ އެކުވެރިކަމުގެ ގުޅުންތަކަށް ބުރޫއަރާ ގޮތަށާއި ދިވެހި ޤައުމުގެ ރީތި ނަން ބޭރު ދުނިޔޭގައި ކިލަނބުވާ ގޮތަށް އަދި ޓެރަރިޒަމަށް ހިއްވަރު ލިބޭގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބައެއް ބްރޯޑްކާސްޓަރުން ފަތުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ރޯގާގެ ޚަބަރުތައް ގެނެސްދޭއިރު، އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާކަން ވެސް އެކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ. އަދި ބައެއް މިޑިއާތަކުން ގެނެސްދީފައިވާ މިފަދަ ބައެއް ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ފުށުއަރާ ކަންކަންކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތެރެއިން ބްރޯޑްކާސްޓަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ހުރިހާ ބްރޯޑްކާސްޓާރުންނަށް އެކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިއާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާމެދު ޤާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށްވެސް އެކޮމިޝަނުގެ ބަޔާނުގައިވަނީ އަންގަވާފައެވެ.