ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަތީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއީ ސިޔާދަތާއި މިނިވަންކަން ޙިމާޔަތްކޮށް، ދިވެހިރާއްޖޭގައި އަމަން އަމާންކަމާއި، ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެވެ.
ސަލާމަތީ ބާރުތައް އެކުލެވިގެންވަނީ ސިފައިންނާއި ފުލުހުންގެ މައްޗަށެވެ. ދިވެހިރާއްޖެއަކީ ދައުލަތެއްގެ ގޮތުގައި ކަނޑައެޅި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށި ހިސާބުންވެސް އެކި ސިފަ ސިފައިގައި ސަލާމަތީ ޚިދުމަތްތައް ޤާއިމުކުރެވި ހިނގަމުންދިޔައެވެ. ސަލާމަތީ ބާރެއްގޮތުގައި ރަސްމީކޮށް ސިފައިންގެ ޚިދުމަތް ރާއްޖޭގައި ދޭންފަށާފައިވަނީ މީގެ 124 އަހަރުކުރިންނެވެ. މިއަދަކީ ދިވެހިރާއްޖޭގައި މަދަނީ ސަލާމަތައީ ރައްކާތެރިކަން ޤާއިމުކުރުމަށް ފުލުހުންގެ ޚިދުމަތް ދޭން ފެށިތާ 84 އަހަރު ފުރުނުދުވަހެވެ.
ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ދެއްވަން ފަށްޓަވާފައިވަނީ މީލާދީން 1933 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ދެއްވަން ފަށްޓަވާފައިވަނީ އަލްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1932 ވަނަ އަހަރު އެކުލަވާލެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީން ރަދުންނަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.
އޭރު ފުލުހުންގެ ޚިދުމަތް ދެއްވަމުން ގެންދެވީ ދިވެހި ސިފައިންގެ ޚިދުމަތް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، އޭރުގެ ނަމުން ނަމަ ނޭޝަނަލް ސެކިއުރިޓީ ސަރވިސްއާއެކު އެއް ފުރާޅެއްގެ ދަށުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތަށް ވަކި މުއައްސަސާއެއް ޤާއިމުކުރައްވާފައިވަނީ ފުލުހުންގެ ޚިދުމަތް ދެއްވަން ފެއްޓެވިތާ 71 އަހަރު ފަހުން، 2004 ވަނަ އަހަރުގެ ސެޕްޓްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތަށް ވަކި މުއައްސަސާއެއް ޤާއިމުކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަމުގައި ނަންދެއްވިއެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ފުލުހުންގެ ދައުރުކަމުގައި ބަޔާންކޮށްފައިވަނީ މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ، އެމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމާއި، ޖިނާއީ ކުށްތައް ތަޙްޤީގު ކުރުމާއި، ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މައްސަލަތައް ޝަރީޢަތަށް ހުށައެޅުމަށް ބޭނުންވާ ތައްޔާރީތައް ކުރުމާއި، ޤާނޫނު ނެގެހެއްޓުމެވެ.
ފުލުހުންގެ މައްޗަށް ޤާނޫނުން މަތިކުރާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމުގެ މަގުފަހިކުރުމުގެ ގޮތުން ފުލުހުންގެ ޚިދުމަތް މުޅިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.
އެގޮތުން ބޮޑެތި އާބާދީތައް ހިމެނޭ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށްފައިވާއިރު، ކުދި އާބާދީތައް އޮންނަ ގިނަ ރަށްރަށުގައިވެސް ޕޮލިސް ޕޯސްޓްތައް މިހާރު ވަނީ ޤާއިމުކުރައްވާފައެވެ. އެގޮތުން މާލެސިޓީ ނުހިމެނޭގޮތުން ރާއްޖޭގެ 18 އަތޮޅާއި، 2 ސިޓީގައި ޖުމްލަ 79 ފުލުހުންގެ މަރުކަޒުވަނީ ޤާއިމުކުރައްވާފައެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މީގެ ކުރިން ހޯދިފައި ނުވާފަދަ ކާމިޔާބީއެކެވެ.
ދިވެހިރާއްޖޭގައި އަމަން އަމާންކަން ޤާއިމުކުރުމަށާއި، ކުށްކުރުން މަދުކޮށް، ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް ދިވެހި ފުލުހުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ ދިވެހި ރައްޔިތުން އުފަލާއެކު ބަލައިގަންނަ ކަންތައްތަކެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ. ޢާންމުންނަށް ދިރިއުޅެން ފަސޭހަ އަމާން ސުލްޙަވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާ، ދިވެހި ފުލުހުންގެ އެންމެހައި ޚިދުމަތަކީ ދިވެހި ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމާ އެންމެ ބޮޑަށް ގުޅިފައިވާ އެއްކަންތަކެވެ.
ޤާނޫނުއަސާސީގައި ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފުލުހުންގެ ބަދަހި ސަފުތައް ރައްޔިތުންގެ ޚިދުމަތުގައި ޒަމާނުންސުރެ ދެގޮތެއްނުވެ ދެމިތިބިކަމީ، ދިވެހި ޤައުމާއި ރައްޔިތުން ފަޚުރުވެރިވާކަމެކެވެ.