ޚަބަރު

އިންޑިއާގެ ޔުނިވަރސިޓީއަކުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން!


ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅު ކުރެއްވުމަށް ކުރު މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، އެމަނިކުފާނަށް އިންޑިއާގެ ނަންމަޝްހޫރު ޔުނިވަރސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީ.ޕީ.އެމްގެ ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އޮނަރަރީ ޑޮކްޓަރޭޓް ލިބިލައްވަނީ، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ޤައުމިއްޔަތުގެ ހިމާޔަތުގައި ކުރައްވާ މަސައްކަތް ޕުޅުތަކާއި، ޒުވާނުންގެ އުންމީދާއި، ޤައުމުގެ ކުރިމަގަށް ގެންނަ ހެޔޮ ބަދަލުތަކެއް ގެންނަވައި ރައްޔިތުންނަށް އުއްމީދު އާކޮށްދެއްވާފައިވާތީކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާއަށް ބައްލަވާލައްވާ. އިންޑިއާގެ އެންމެ މަޤްބޫލު ހަތް ބިޒްނަސް ސްކޫލުގެ ތެރެއިން އެއް ސްކޫލުން، އެއް ޔުނިވަރސިޓީން މިއަދު، އެންމެ ތިން އަހަރާއި ބައިގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މި ދިވެހި ރާއްޖެއަށް އައިސްފައި އޮތް ބަނަކަމުން، ހިމާޔަތް ހޯދައި، ޤައުމު ހަމަމަގައް އަޅުވައި، އިޤްތިޞާދު މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭޝިއާގައިއޮތް، ދުނިޔޭގައި އޮތް ހަލަބޮލިކަމުގެ ތެރެއިންވެސް މިކުޑަ ޤައުމު ހަމަމަގައް އަޅުވާލި ކަމައްޓަކައި އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް މިހާރުވަނީ ދެއްވާފައި. ދުނިޔޭގެ އެންމެ ބޮޑު ދެ އިކޮނަމީން އެއް އިކޮނަމީގެ އެންމެ ޓޮޕް ސެވަން ބިޒްނަސް ސްކޫލްގެ ވާހަކަ އަޅުގަނޑު މިދެންނެވީ" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންނަށްޓަކައި، ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެވަމުންގެންދަވާ ހެޔޮވެރިކަމެއް ކޮށްދެއްވާ ރައީސެއްކަމަށާއި، އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކައް ފަޚުރުވެރިވާކަމަށެވެ. އަދި ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންގެ ހެވާލާބައަށްކަމަށާއި، ރައްޔިތުންގެ ޙައްޤުޤައި އެމަނިކުފާނު ވަރަށް ގިނަ އަމިއްލަ ކަންކަންވެސް ޤުރުބާން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.