ރިޕޯޓް

"މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ނިޒާމު ފުރިހަމަ"


މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން އަހަރަކު 500 މީހުން މުޖުތަމައަށް އަންބުރާ ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރިޔާސީ އެއް ވަޢުދެވެ. 

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އަހަރަކު ފަސްސަތޭކައަށްވުރެ ގިނަ މީހުންނަށް ފަރުވާދީ މުޖުތަމަށް ނެރުއްވާފައިވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހްމަދު މިވަނީ ވިދާޅުވެފައެވެ. އެހެންކަމުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަތް ރިޔާސީ ވަޢުދުމިވަނީ ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ފުއްދަވައި ދެއްވާފައިކަމުގައި ދަންނަވަންޖެހެއެވެ. 

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އެންމެ ބޮޑު އެއްވަބާއެވެ. ޚާއްސަ ގޮތެއްގައި ދިވެހި ޒުވާޏުންގެ ތެރެއިން އެތައް ބަޔަކު މިނުރައްކާތެރި ވަބާގައިޖެހި އެކަމުގައި ސީދާ ގޮތުންނާއި ނުސީދާގޮތުން ދިވެހި މުޖުތައަށްވަނީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަން ހައްލު ކުރެއްވުމަށް މީގެ ކުރީގެ ސަރުކާރުތަކުން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމުގައި މާބޮޑެތި ކުރިއެރުންތަކެއް ލިބޭގޮތްވަނީ ނުވެފައެވެ.

ދިވެހި ރައްޔިތުންނާއި އެންމެ ގުޅުންހުރި އަދި ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތައް ބައްލަވައި، 2013 ވަނަ އަހަރުބޭއްވި ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރިމައްތިލެއްވީ ދިވެހިންގެ ތެރޭގައި އޮތް އެންމެ ނުރައްކާތެރި އަދި އެންމެ ގިނަމީހުން ކަންބޮޑުވާ މައްސަލަކަމުގައިވާ މަސްތުވާތަކެއްޗާއި ދެކޮޅަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ވަޢުދުވެވަޑައިގަންނަވަމުންނެވެ. 

އެގޮތުން ދިވެހި ބައެއް ޒުވާނުން މަސްތުވާތަކެތީގެ ނުރައްކަލަށް ހުށަހެޅުމަށް ދިމާވާ ސަބަބުތައް ދެނެގަނެ  އެސަބަބުތައް މަދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް ފެށިއެވެ.

img:http://s3.psmnews.mv/images/660x400/3714.jpg|މަސްތުވާތަކެތި އަތުލައިގަތުމަށް ފާރަ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން / ފޮޓޯ: ފުލުހުން

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބެއްލެވުމުގެ ދަށުން އުފެއްދެވި ފާރަގެމަ ނުވަތަ ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތި އަތުލައި ގަތުމާއި އެތަކެތި ރާއްޖެ އެތެރެކުރުވޭ ދޮރުތައް ބަންދުކުރުމަށް ވަނީ މުހިއްމު މަސައްކަތްތަކެއް ފަށާފައެވެ. އަދި މިހާރުވެސް ފާރަ ގެމަ ބޭނުންކޮށްގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ރާއްޖޭގެ އެއަރޕޯޓުތަކުގައި ޚާއްސަ އޮޕަރޭޝަންތައް ހިންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލަމުންދެއެވެ. 

މިއާއެކު މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން  މަދުކުރުމައްޓަކައި ފުލުހުންނާއި ކަސްޓަމްސް އެކަމަށް ފާރަވެރިވެ ކުރާ މުހިންމު މަސައްކަތްތަކުގެ ސަބަބުން ރާއްޖެ އެތެރެވާ މަސްތުވާތަކެތީގެ ޢަދާދާއި، ވިޔަފާރީގެ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރަމުންދާ ޢަދަދު ވަރަށް ބޮޑަށް މަދުކުރެވި، ދުވަހުން ދުވަހަށް މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންގެ ޢަދަދުވެސް މަދުވަމުން އަންނަކަން، ބައިނަލް އަޤްވާމީގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓަރ އަޒްލީން އަހަމަދު ނެރުއްވި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. 

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހި، ހަލާކުގެ ތެރެއަށް ހުށަހެޅިފައިވާ މީހުން އަލުން  ބޭނުންތެރި ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން، އެކަމުން ސަލާމަތްކޮށް މުޖުތަމަޢުގައި ބޭނުންހިފޭ ބަޔަކަށް ހެއްދެވުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ މެދުވެރިކޮށް ކުރިއަށް ގެންދާ ފަރުވާ ޕްރޮގްރާމްތަކަކީ ފާހަގަކުރެވޭ މަސައްކަތެއްކަމަށެވެ. 

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ  ތެރޭގައި  ނެޝަނަލް ޑްރަގް އެޖެންސީ އެން.ޑީ.އޭ އިން ކުރިއަށް ގެންދާ ފަރުވާގެ ޕްރޮގްރާމް އަހަރަކު 500 އަށްވުރެ ގިނަ މީހުން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާކަން ހޯމް މިނިސްޓަރު ފާހަގަކުރެއްވި.

އެހެންނަމަވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވަ މީހުންގެ ތެރެއިން ފަރުވާ ލިބި އެނބުރި މުޖުތަމައަށް ނުކުންނަށް ތައްޔާރުވެފައިވާ މީހުންނާއި މެދު މުޖުތަމައުން ދެކޭގޮތް ބަދަލު ނުވުމަކީ މިއަދު މިކަމުގައި ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ފަރުވާލިބި އަންބުރާ މުޖުތަމައައް ނުކުންނަ މީހުން ބަލައިގަނެ އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގައި އުޅެވޭނެ ފުރުސަތު ދިނުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއަކަށް ހަދަން ޖެހިފައިވާކަމަށް ސަރުކާރުން ބުނެއެވެ.