އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްކަމުގެ މަޤާމުގައި ހުންނެވި ރައިންސް ޕްރީބަސް މަގާމުން ދުރުކޮށް، އެމެރިކާގެ ދާޚިލީ އަމަނާބެހޭ ވަޒީރު ކަމުގައި ހުންނެވި ޖޯން ކެލީ އެ މަގާމަށް ޢައްޔަނުކުރައްވައިފިއެވެ. ޓްރަމްޕް މިކަން ޢިޢުލާންކުރެއްވީ ޓްވިޓަރ މެދުވެރިކުރައްވައެވެ.
ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްކަމުގެ މަގާމުގައި ހުންނަވައިގެން ޕްރީބަސް ކޮށްދެއްވި ޚިދްމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މިއާއެކު އަލަށް އެމަގާމަށް އައްޔަން ކުރެއްވި ޖޯން ކެލީއަކީ ވަރުގަދަ ޝަޚްސިއްޔަތެއްކަމަށް ސިފަކުރައްވައި، ކެލީ ވަރަށް ރަނގަޅަށް ވަޒީފާގެ ޒިންމާތައް އަދާކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.
ޕްރީބަސް އަކީ އެމެރިކާގެ ރިޔާސީ ކޭންޕޭންގެ ދުވަސްވަރު އަންހެނުންގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ޓްރަމްޕް ދައްކަވާފައިވާ ބައެއް ވާހަކަތައް މީޑިޔާއަށް ލީކުވުމުގެ ޒިންމާ އުފައްލަވަން ޖެހިވަޑައިގަންނަވާ ފަރާތްކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވައެވެ. މީގެ އިތުރުން ޕްރީބަސް އަކީ ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުކަމުގެ މަގާމަށް ދާދިފަހުން ޓްރަމްޕް ޢައްޔަނުކުރެއްވި އެންތަނީ ސްކަރަމުޗީއާ އެހާ ރަނގަޅު ގުޅުމެއް ބާއްވަވާ ބޭފުޅެއް ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ
ޓްރަމްޕް ދާދިފަހުންވަނީ އޭނާގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރ ޖެފް ސެޝަންސަށްވެސް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.