ބާރަ ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ހދ.ކުޅުދުއްފުށީގެ މަގުތަކަކީ، ވިއްސާރަ މޫސުމުގައި، ހިނގާ ބިނގާވެ ނޫޅެވޭ މިންވަރަށް ފެންބޮޑުވާ މަގުތަކެލެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ މައްސަލައެކެވެ.
މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފެށި މަޝްރުޢުގެ ދަށުން އެރަށުގެ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ ހަފްތާގެ ބުދަދުވަހު ފަށާނެކަމަށް މިމަސައްކަތް ކުރާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އިން ބުނެއެވެ.
ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުވަނީ ކުރިން ވިދާޅުވެފައެވެ.
އަންނަ ހަފްތާގެ ބުދަދުވަހު ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ފަށާނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އިން ބުނެއެވެ. މިހާރުވަނީ އެރަށު މަގުތަކުގައި ތާރަ އެޅުމުގެ ކުރިން އަޅަންޖެހޭ ސީއެސްބީގެ ލޭޔަރާއި ޕްރައިމް ކޯޓު ބައެއް މަގުތަކުގައި އަޅައި ނިމިފައިކަމަށްވެސް އެމްއާރުޑީސީން ބުނެއެވެ.
މިމަޝްރޫޢުގެދަށުން ފުރަތަމަ ތާރު އަޅަން ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ މަގާން މަގުގައެވެ. މީގެ އިތުރުން އެރަށު ފަނޑިޔާރު މަގާއި، ކަނބޯރަނި މަގުގައި ސީއެސްބީ ލޭޔަރ އަޅައި ނިމިފައިވާކަމަށާ، މިސްކިތް މަގުގއި ސީއެސްބީ ލޭޔަރ އެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތިދުވަހު ފަށާނެކަމަށްވެސް އެމްއާރުޑީސީން ބުނެއެވެ.
ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފުރާސްޓްރަކްޗަރ އިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއްގައި 5.8 ކިލޯމީޓަރުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ، 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް އެމަޝްރޫޢު ހުއްޓިފައި އޮންނަތާ ގިނަދުވަސްތަކެއްފަހުން، 2013 ވަނަ އަހަރުވަނީ އޭރު ހަދަންފަށާފައިވާ އަމީނީމަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހަދަންނިންމައި، އެމަސައްކަތް ފަށާފައެވެ. އެމަގުގެ މަސައްކަތް ފުރިހަމަވީފަހުން އަނެއްކާވެސް މި މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަށްފަހު މަސައްކަތް އަލުން ފެށުނީ އެމްއާރްޑީސީއާ ހަވާލުކުރިފަހުންނެވެ.