ކުޅިވަރު

ހުރިހާ ޝުކުރެއް އޮތީ ކުޅުންތެރިންނަށް - ކޯޗު ސައުތްގޭޓް


ސްލޮވާކިޔާ އަތުން އިނގިރޭސި ޓީމު 2-1 ން މޮޅުވުމުގެ ހުރިހާ ޝުކުރެއް އޮތީ ކުޅުންތެރިންނަށް ކަމަށް ކޯޗު ގެރެތް ސައުތު ގޭޓް ބުނެފިއެވެ.

ކޯޗު ބުނީ ފަހަތުން އަރާ މެޗުން މޮޅުވެވޭނީ ވަރަށް މޮޅަށް ކުޅެގެން ކަމަށާއި، ޚާއްސަކޮށް އިނގިރޭސި މިޑްފީލްޑަރުންގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ.

އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވަޑް މާކަސް ރަޝަފޯޑަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލު ސްލޮވާކިޔާ ޖެހީ ރަޝްފޯޑަށް ހެދުނު ގޯހަކުންނެވެ. އެކަމަކު އިނގިރޭސިން މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ވެސް ރަޝްފޯޑެވެ. މިހެންވެ ކޯޗު ބުނީ ޒުވާން އުމުރެއްގައި ރަޝްފޯޑުގެ ފަރާތުން ފެނިގެންދަނީ ވަރަށް މޮޅު އަދި ދުވަސްވީ ކުޅުންތެރިންގެ ފަރާތުން ފެންނަ ފަދަ ޓީމުވަންތަ ކުޅުންތެރިއެއްގެ ސިފަ ކަމަށެވެ. އަދި ރަޝްފޯޑަކީ ޒުވާން ކުޅުންތެރިއަކަށް ވާތީ އަހަރުތަކެއްވަންދެން އިނގިރޭސި ލީޑްކުރާ ކުޅުންތެރިއަކަށް އޭނާ ނުވާންވީ ސަބަބެއް ނެތް ކަމަށްވެސް ސައުތް ގޭޓް ބުންޏެވެ.

އިނގިރޭސިންގެ ފުރަތަމަ ގޯލު ޖެހީ އެރިކް ޑަޔާއެވެ. އޭނާ މެޗަށް ފަހު ބުނީ ފުރަތަމަ ހާފުގައި ގޯލެއް ވަން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތިޖާ ހަމަހަމަވުމުން މޮޅުވެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.

މި މެޗުގައި އިނގިރޭސިން ވަނީ 23 ފަހަރު ގޯލަށް ބޯޅަ ފޮނުވާލައިފައެވެ. މިއީ ފާއިތުވެދިޔަ 12 މެޗުގައި އިނގިރޭސިން އެންމެ ގިނައިން ގޯލަށް ނުރައްކާކުރި މެޗެވެ.

ވޯލްޑް ކަޕަށް ކޮލިފައިވާން އިނގިރޭސިން ދެން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމަށް އަދި ބާކީ ދެ މެޗު އެބައޮތެވެ.