އޭނާއާއި ދެކޮޅަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ހުރިހާ ގޮތަކުން ވެސް އެންމެ މޮޅު ކުޅުންތެރިއަކީ ބްރެޒިލްގެ ރޮނާލްޑޯ ކަމަށް އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ބުފަން ބުނެފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިޒްރޭލް އަތުން 1-0 އިން މޮޅުވި މެޗުގެ ކުރިން ވާހަކަ ދައްކަމުން ބުފަން ބުނީ ބްރެޒިލްގެ ރޮނާލްޑޯ އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއްކަމަށެވެ. އެހެން ހުރިހާ ކުޅުންތެރިންނަށްވުރެ އޭނާ ވަރުގަދަވެފައި، ހަލުވި ކަމަށާއި އަދި ބޯޅައިގެ ޓެކްނިކްތައް ވެސް އާ އަވަސްކަމަށް ބުފަންވަނީ ބުނެފައެވެ.
ބްރެޒިލަށް ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ ރޮނާލްޑޯ އަކީ މިހާރު ކުޅުން ހުއްޓާލާފައިވާ ފޯވަޑެކެވެ. ނަމަވެސް ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ވެސް 2006ގައި މުގުރާލި ރޮނާލްޑޯ ބުފަންއާއި ދެކޮޅަށް ކުޅުނީ އިޓާލިއަން ލީގުގައި އޭނާ ކުޅުނު ދުވަސްވަރުގައެވެ. އިޓަލީގެ އިންޓަމިލާނާއި އޭސީ މިލާނުގައި ރޮނާލްޑޯ ހުރި އިރު ބުފަން ކުޅުނީ ޕާމާ އާއި ޔުވެންޓަސް އަށެވެ.
img:http://s3.psmnews.mv/images/660x400/15046923114996.jpg|
އުމުރުން މިހާރު 39 އަހަރުގެ ބުފަން އުއްމީދު ކުރަމުން އަންނަނީ އަންނަ އަހަރުގެ ވޯލްޑް ކަޕް ކުޅުމަށްފަހު ގައުމީ ޓީމުން ރިޓަޔާކުރުމަށެވެ. މި އުއްމީދު ފުރިހަމަކުރުމަށް އިޓަލީ މަސައްކަތް ކުރާއިރު އެމީހުން އޮތީ ކޮލިފައިންގެ ގްރޫޕް ޖީގެ ދެ ވަނާގައެވެ.
އިޓަލީ އަށް 19 ޕޮއިންޓް ލިބިފައިވާއިރު އެއްވަނާގައިވަނީ ސްޕެއިނެވެ.. އެ ގައުމު ލެއިޗެސްޓާ އަތުން ރޭ މޮޅުވީ 8-0 ންނެވެ. މި މެޗުގައި އަލްވާރޯ މޮރާޓާ ދެ ގޯލު ޖެހިއިރު، އިއާގޯ އަސްޕަސް ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން ސާޖިއޯ ރާމޯސް އާއި ޑޭވިޑް ސިލްވާ ވެސް ވަނީ ލަނޑު ޖަހާފައެވެ.