ކުޅިވަރު

ސަޕޯޓަރުން ނެތި ކުޅުމަކީ ހިތި ތަޖުރިބާއެއް - ބާސާގެ ކުޅުންތެރިން


ސަޕޯޓަރުން ނުވައްދައި ރޭ ބާސެލޯނާ ކުޅުނު މެޗަކީ މިހާތަނަށް ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ތަޖުރިބާ ކަމަށް ޓީމުގެ ކުޅުންތެރިން ބުނެފިއެވެ.

ބާސެލޯނާގެ އެއްލައްކަ މީހުންނަށް ވަދެވޭ ސްޓޭޑިއަމަށް ވަންނަން އެތައް ބަޔަކު ކިޔޫ ހަދާފައި ތިއްބައި ދަނޑު ހުހަށް ބާއްވައިގެން ރޭ ލަސްޕަލްމާސްއާއި ދެކޮޅަށް ކުޅުނީ ސިޔާސީ ސަބަބަކަށްޓަކައެވެ. އެއީ ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާގެ މީހުން ސްޕެއިނުން ވަކިވެ ވަކިގައުމަށްވާން ބޭނުންވެގެން ނަގަން އުޅުނު ވޯޓާ ގުޅިގެންނެވެ. 

ޤާނޫނާ ހިލާފު ވޯޓެއް ކަމަށް ބުނެ ސްޕޭނުގެ ސަރުކާރުން މި ވޯޓު ހުއްޓުވުމުން އުފެދުނު ހަމަނުޖެހުންތަކާހުރެ އާއި ސްޕެއިނުން ވަކިވާން ތާއީދު ކުރުމުގެ ގޮތުން ބާސެލޯނާއިން ފުރަތަމަ ނިންމީ ރޭގެ މެޗު ނުކުޅޭށެވެ. ނަމަވެސް އެންމެ ފަހު ވަގުތު މެޗު ކުޅެން ނިންމީ އެކަން އެގޮތަށް ކޮށްފިނަމަ ޖުމަލަ ހަ ޕޮއިންޓް ކަނޑާލާނެ ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އިންޒާރު ދިނުމުންނެވެ. ސްޕެއިނުގެ އާބާދީގެ 19 ޕަސެންޓް މީހުން ނިސްބަތްވަނީ ކެޓަލޯނިއާ އަށެވެ. އަދި އެއީ ސްޕެއިނުގެ އިގްތިސާދީ މައި މަރުކަޒުވެސްމެއެވެ.

މެޗަށް ފަހު ރޮވިފައިހުރެ ވާހަކަ ދައްކަމުން ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ ސަޕޯޓަރުން ނެތި ކުރެވުނީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށާއި މިއީ އޭނާގެ ހަޔާތުގައި ދުވަހަކު ވެސް ކުރިމަތިވެފައިވާ ކަމެއްނޫން ކަމަށެވެ. މެޗުގައި ސަޕޯޓަރުން ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސްވި ކަމަށާއި ސްޕެއިނުން ވަކިވާން އޭނާ ވޯޓުދިން ކަމަށް ވެސް ޕީކޭ ވަނީ ނޫސްވެރިން ގާތުގައި ބުނެފައެވެ.

ލަޔޮނަލް މެސީ ބާސެލޯނާ އަށް ދެ ލަނޑު ޖަހައިދިނުމުގެ ކުރިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސާޖިއޯ ބުސްކެޓްސް ބުނީ މިގޮތަށް މެޗު ކުޅުމަކީ އޭނާ ބޭނުންވާ ކަމެއްނޫން ކަމަށާއި ސަޕޯޓަރުން ނުލައި ކުޅުނު މި މެޗަކީ ވަރަށް ފޫހި މެޗެއް ކަމަށެވެ.

ރޭގެ މެޗުގެ މޮޅުވުމުން ބާސެލޯނާ ވަނީ ފަސް ޕޮއިންޓުގެ ލީޑަކާއިއެކު ޓޭބަލުގެ އެންމެ ކުރީގައެވެ. އެއީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާއެކުގައެވެ.