ތަރައްްޤީ

ބަލިވިޔަސް ގޮތްހުސްވެ ހާހެއްނުވޭ - ޒިދާން


ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް އަތުން 3-1 ން ބަލިވި ނަމަވެސް ހަދާނެގޮތް ހުސްވެ ހާސްނުވާ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ތިން އަހަރު ތެރޭގައި މުބާރާތުގައި ފުރަތަމަ ފަހަރަށް ބަލިވީ މޮޅު ޓީމެއް އަތުން ކަމަށެވެ. އަދި ރޭގެ މެޗުގައި ހުރިހާ ގޮތަކުން ވެސް ޓޮޓެންހަމް މޮޅަށް ކުޅެފައިވާ ކަމަށެވެ. ނަމަވެސް ޒިދާން ބުނީ ރެއާލް މެޑްރިޑަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައިވާ ކަމަށާއި، އެހެންވެ މެޗަކީ ކުޅުން އެހާ ގޯސް މެޗެއްނޫން ކަމަށެވެ.

އަދި ޖެހިޖެހިގެން ދެ މެޗުން ބަލިވުމަކީ ރެއާލް މެޑްރިޑް ކަހަލަ ޓީމަކަށް ރަނގަޅު ގޮތެއްނޫން ކަމަށާއި، ނަމަވެސް މިއީ ގޮތް ހުސްވުމެއްނޫން ކަމަށެވެ. ހަތަރު ދުވަސް ފަހުން އަލުން ފުޓްބޯޅައިގައި ނަތީޖާ ނެރެން ފުރުސަތު އޮވެފައި ސީޒަން ސަލާމަތް ކުރެވޭނެ ހުރިހާ ފުރުސަތެއް އަދި އެބައޮތްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ސީޒަނުގައި ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ދިފާއު ކުރުމަށް މަސައްކަތް ކުރާ ޓީމުން މިހާރު ދައްކަނީ އެ ޓީމުގެ އެންމެ ރަނގަޅު ފޯމު ނޫން ކަމަށް ވެސް ޒިދާން ވަނީ ބުނެފައެވެ. އޭނާ ބުނީ މިއީ ދިރާސާކޮށް ބަލަންޖެހިފައިވާ ކަމެއް ކަމަށާއި، މިވަގުތު ޓީމުގެ ޗޭންޖިން ރޫމުގައި އުފާވެރިކަން ނެތް ކަމަށެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ ބަލިވުމުން އަބަދުވެސް ރެއާލް މެޑްރިޑަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވާ ކަމަށެވެ. ނަމަވެސް ސީޒަނުގައި ބާކީ ގިނަ މެޗުތަކެއް އޮތުމުން މިދިޔަ ސީޒަނުގެ ކާމިޔާބީ ތަކުރާރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ރާމޯސްގެ ވާހަކަތައް ތަކުރާރުކޮށްފައެވެ.