ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް ކަމަށާއި ހުރިހާ ޙާލެއްގައި، އަދި ހުރިހާ ވަގުތެގައިމެ މި މަތިވެރި އަމާނާތަށް ރައްކައުތެރިވުން މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ކުޑަކުދީންގެ ޙައްޤުތައް" އެވެ.
ކުޑަކުދީންނަކީ އަހަރެމެންގެ ލޮލުގެ ފިނިކަމެވެ. އެ ކުދީންގެ ހިނިތުންވުންތަކަކީ އިންސާނީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އަދި މޫނުތަކަށް އުޖާލާކަން ގެނެސްދޭ ހިނިތުންވުން ތަކެކެވެ. ހުކުރު ޚުޠުބާގައި ވިދާޅުވީ ކުޑަކުދީންނަށް ލިބިދޭންވާ ޙިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ ޢާއިލާއެއްގެ ތެރެއިން. އަދި އެފަދަ ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢަކުން. ޢާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވުމުން، އެ ކުއްޖާއަށް ރިވެތި ނަމެއް ކިޔުމަކީ، ކުއްޖާގެ ޙައްޤުތަކުގެ ތެރޭގައިވާ ކަމެއް ކަމަށެވެ. އެ ކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެތެރޭގައި އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން އެ ކުދީން ރައްކާތެރިކުރުން ހިމެނެއެވެ.
"މި ވޭތުވެގެން މިދާ ހަފުތާގެތެރޭގައި އަހަރެމެންނަށް ލިބުނު ޚަބަރުތަކަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ޚަބަރުތަކެއް، ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއްލިބުނު މަޢުސޫމު ކުއްޖަކަށް ފަރުވާކުރަމުންދަނިކޮށް ނިޔާވި ޚަބަރާއި، ޢިމާރާތެއްގެ މަތީން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ޚަބަރެއް. މި މައުސޫމު ކުދީންނަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި އެ ކުދީންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ރަޙުމާނުވަންތަ މާތް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ތަރުބިޔަތުގައި ޢިލްމާއި އަޚުލާޤު މުހިންމުވާފަދައިން ރޫޙާނިއްޔަތުގެ ބޭނުންވެސް ނުހަނު ބޮޑެވެ. ރޫޙާނިއްޔަތުގެ އަސާސަކީ ތިބާއާއި ތިބާގެ ވެރި ރަސްކަލާނގެއާ އޮންނަ މަތިވެރި ގުޅުން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުޢާޙަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، މާތް ﷲ އެކަލާނގެ ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވައިފައިވާ ކަމަށެވެ.
ފަރުޟު ފަސް ނަމާދު ފަދަ ދީނީ ޝިޢާރުތަކަށް ދަރީން އަހުލުވެރިކޮށް، އެ ކަންކަމަށް ރައްކާތެރިވުމަށް ހޭނުވުމަކީ މައިންބަފައިންގެ ވާޖިބެއް. އަދި އެ ކަމަށް ޓަކައި އަދަބުދޭންޖޭހޭ ޙާލަތްތަކުގައި އަދަބުދީގެން ވެސް އެ ކަންކަންކުރުވާން ވާނެ ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
"ކުޑަކުދީންނަކީ މާތް ރަސްކަލާނގެ ދެއްވި އަގުހުރި ހަދިޔާއެއް. އެކަލާނގެ ރިޢާޔަތުގެ ދަށުގައިވާ ޠާހިރު ނަފުސުތަކެއް." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ހިތާމަޔަކީ ކުޑަކުދީންނަށް އިހުމާލުވެ، އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައްކުރާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅޭކަން. މި ފަދަ މީހުންގެ ތެރޭގައި އެ ކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ލާޒިމުވާ އެ ކުދީންގެ މައިންބަފައިން ހިމެނޭކަމީ ވަރަށް ހިތާމަހުރި އަދި އެހައިމެ ހިތްދަތިވާ ކަމެއް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ އެފަދަ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބުދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށާއި، މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް ހުކުރު ޚުޠުބާގައި ވަނީ ގޮވާލާފައެވެ.