ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައި ޢާއްމުން ދިރިއުޅޭ ސަރަޙައްދަކަށް ރަޝިޔާގެ ފައިޓަރ ޖެޓްތަކުން ދިން ޙަމަލާއެއް އަރައި، ނަވާރަމީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.
ރަޝިޔާގެ ފައިޓަރ ޖެޓްތަކުން ހަމަލާތައް ދީނީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ދޫމާ އާއި ހަރްސަތާއަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މިއީ އިދިކޮޅު ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް ހިފުމަށް މަގުފަހިކުރުމުގެ ގޮތުން ދިން ޙަމަލާތަކެއް ކަމަށާއި މި ޙަމަލާތަކަށްފަހު ސޫރިޔާގެ ސިފައިން އެއްގަމުމަގުން ހަނގުރާމަ ފެށުމަކީ އެކަށީގެންވާ ކަމެއްކަމަށް ސޫރިޔާއިން ލިބޭ ޚަބަރުތަކުގައިވެއެވެ.
ސޫރިޔާގެ ބިމުގެ ބޮޑުބައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާއިރު އިދިކޮޅު ޖަމާއަތްތަކުގެ ބާރު މިހާރު އޮތީ ސޫރިޔާގެ ދެކުނާއި އިރުމަތީގެ ސަރަހައްދުތަކުގައެވެ.
ސޫރިޔާ ސަރުކާރުންވަނީ ހަތިޔާރު ބެހެއްޓުމަށްފަހު ސުލްޙައިގެ ވާހަކަތައް ފެށުމަށް އިދިކޮޅު ޖަމާއަތްތަކަށް ގޮވާލާފައެވެ.