ދުނިޔެ

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދުނިޔެ އަޑުއުފުލަނީ


އަންހެނުންނަށް ކުރާ އެކިބާވަތުގެ އަނިޔާއާ ދެކޮޅަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުޒާހަރާކޮށްފިއެވެ.

މުޒާހަރާކުރި ފަރާތްތަކުން ގޮވާލާފައިވަނީ އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށާއި، ރޭޕް އާއި ގެވެށި އަނިޔާފަދަ ކަންކަމުން އަންހެނުން ސަލާމަތްކުރުމުގައި ދުނިޔޭގެ ގައުމުތައް އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރުމަށެވެ.

މުޒާހަރާތައް ބޭއްވި ޤައުމުތަކުގެ ތެރޭގައި ވިލާތުގެ ޤައުމުތަކާއި އޭޝިޔާގެ ޤައުމުތަކާއި ލެޓިން އެމެރިކާގެ ޤައުމުތަކާއި އެފްރިކާގެ ޤައުމުތައް ހިމެނެއެވެ.

މި މުޒާހަރާތަކުގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ފިރިހެނުންވެސް ބައިވެރިވެފައިވެއެވެ. މި މުޒާހަރާތައް ކުރިޔަށްގެންގޮސްފައި މިވަނީ އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް އދން ފަށާފައިވާ ކެމްޕޭނަށް އެއްބާރުލުންދިނުމުގެ ގޮތުންކަމަށް އެ މުޒާހަރާތައް އިންތިޒާމުކުރި ޖަމިއްޔާތަކުން ބުނެއެވެ.

އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް އދން ފައްޓާފައިވާ ކެމްޕޭންގައި އދގެ މެންބަރު ޤައުމުތައް ބައިވެރިވާއިރު މިކެމްޕޭން އަންނަ ޑިސެމްބަރު މަހުގެ ދިހަވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.