މެދުއިރުމަތީގެ ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ޢަދަދު އެމެރިކާއިން އިޢުލާންކޮށްފައިވާ ވަރަށްވުރެ މާގިނަކަން ޕެންޓަގަން އިން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި އެމެރިކާގެ 15،298 ސިފައިން، އިރާޤުގައި އެމެރިކާގެ 8800 ސިފައިން އަދި ސޫރިޔާގައި އެމެރިކާގެ 1720 ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ. އެހެންނަމަވެސް އެމެރިކާ ކުރިން ބުނެފައިވަނީ އިރާޤުގައި ތިބީ އެމެރިކާގެ އެންމެ 5260 ސިފައިން ކަމަށާއި ސޫރިޔާގައި ތިބޭނީ އެންމެ 503 ސިފައިން ކަމަށެވެ. އަދި އަފްޣާނިސްތާނުގައިވެސް ތިބީ އެމެރިކާގެ 8000-9000 ދެމެދުގެ ޢަދަދެއްގެ ސިފައިންކަމަށް އެމެރިކާ ކުރިން ބުނެފައިވެއެވެ. ނަމަވެސް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން އަންގާރަ ދުވަހު ނެރުނު ރިޕޯޓުން ފެންނަނީ ފުށުއަރާ ތަފާސްހިސާބުތަކެކެވެ.
އެމެރިކާއަކީ އަސްކަރީ ކަންކަމުގައިވެސް އަދި އެ ނޫންކަންކަމުގައިވެސް، ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅޭ އަދި ހަގީގަތްތައް ރައްޔިތުންނަށް ހާމަކުރާ ޑިމޮކްރެޓިކް ޤައުމެއް ކަމަށް ދައުވާކުރާ ޤައުމެކެވެ. ނަމަވެސް އެމެރިކާގެ ޙަޤީޤަތާއި ޢަމަލުތައް ފެންނަނީ މިއާ މުޅިން ޚިލާފަށެވެ. އެމެރިކާއިންވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިރާޤާއި ސޫރިޔާގައި ތިބޭ އެމެރިކާ ސިފައިންގެ ޢަދަދު އިތުރުކުރާނެކަން މިއަހަރު ހާމަކޮށްފައެވެ. އަދި އަފްޣާނިސްތާނުގައި ޠާލިބާނުންގެ ބާރު އިތުރުވާތީ ކަމަށްބުނެ އެމެރިކާ ވަނީ އަފްޣާނިސްތާނުގައިވެސް މުޅިން އައު ސްޓްރެޓެޖީއެއް ކަނޑައަޅާފައެވެ.
މި ސްޓްރެޓެޖީގެ ދަށުން އިތުރު 4000 ސިފައިން އަފްޣާނިސްތާނަށް ފޮނުވަން އެމެރިކާ ވަނީ ނިންމާފައެވެ. ސޫރިޔާ ސަރުކާރުން ބުނަނީ އެމެރިކާ ސިފައިން ސޫރިޔާގައި ހަރަކާތްތެރިވަނީ ޣައިރު ގާނޫނީ ގޮތުން ކަމަށެވެ.
އަދި ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ އެމެރިކާގެ ބާރުތަކަކީ އިސްތިޢުމާރީ ބާރުތަކެއް ކަމަށްވެސް ސޫރިޔާއިން ސިފަކުރެއެވެ. އަފްޣާނިސްތާނާއި އިރާޤާ ޚިލާފަށް އެމެރިކާ ސޫރިޔާއަށް ވަދެފައިވަނީ އދގެ ހުއްދައަކާނުލައެވެ. މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އެމެރިކާ އަރައިގަތުމުގެ އިތުރުން މިއީ ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށްވެސް ސޫރިޔާއިން ސިފަކުރެއެވެ.
ސޫރިޔާ ދެކޭގޮތުގައި އެމެރިކާއަކީ އިސްތިޢުމާރީ ބާރެކެވެ. އަދި ސޫރިޔާގެ ކުރުދީ ޖަމާޢަތްތަކަށް އެމެރިކާއިން އަސްކަރީގޮތުން އެހީވާ މައްސަލައިގައި ތުރުކީ މަސްއޫލުވެރިންވަނީ ޓެރަރިޒަމަށް ވާގިވެރިވާކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށްކޮށްފައެވެ. މި ތުހުމަތުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕްވަނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލާނެކަމުގެ ޔަގީންކަން ތުރުކީވިލާތަށް ދީފައެވެ. ނަމަވެސް މިކަން ޢަމަލީ ގޮތުން ދެއްކުމަށް ތުރުކީންވަނީ އެމެރިކާއަށް ގޮވާލާފައެވެ.