މިޔަންމާގެ ބައިމަދު ރޮހިންޔާ މުސްލިމުންގެ ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް އިންސާނީ ހައްގުތަކާބެހޭ އދގެ ހައިކޮމިޝަނަރު ޒައިދު ބިން ރަޢުދުލްޙުސައިން ވިދާޅުވެއްޖެއެވެ.
ޖެނީވާގައި ހުންނަ އިންސާނީ ޙައްޤުތަކާބެހޭ އދގެ ކައުންސިލުގައި ވާހަކަދައްކަވަމުން ޒައިދު ބިން ރަޢުދުލްޙުސައިން ވިދާޅުވީ ރޮހިންޔާ އިން މިޔަންމާގެ ރަކާން ސްޓޭޓް ދޫކޮށް އަވަށްޓެރި ބަންގްލަދޭޝަށް އަދިވެސް ހިޖްރަކުރަމުންދާކަމަށެވެ.
މިޔަންމާއިން އަނިޔާވެރި ޢަމަލުތައް ނުހިންގާނަމަ މިކަން މިގޮތަށް ވާނެކަމަށް ޤަބޫލު ނުކުރައްވާކަމަށް ޒައިދު ބިން ރަޢުދުލްޙުސައިން ވިދާޅުވިއެވެ.
މީގެ ހަތަރު މަސްދުވަސް ކުރިން މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ރަކާން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޤަތުލުއާންމުތަކާއި ލާއިންސާނީ ޖަރީމާތަކުގައި ހަސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
އަދި އެ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި ހަސަތޭކަ ހާސް މީހުންވަނީ އަވަށްޓެރި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައެވެ.
މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ބަލައި ތަޙުޤީޤުކުރުމަށް އިންސާނީ ހައްގުތަކާބެހޭ އދގެ ހައިކޮމިޝަނަރު ވަނީ އދއަށް ގޮވާލައްވާފައެވެ.