ދުނިޔެ

ޔަމަނުގެ އިންސާނީ ކާރިސާއަށް ޙައްލެއް ލިބޭތޯ ސަލާމަތީ މަޖިލީހަށް


ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ޤައުމަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ލުޔެއް ލިބޭނެ ގޮތެއް ވޭތޯ މަޝްވަރާކުރުމަށްޓަކައި އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އދގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނީ ފާއިތުވި ހައެއްކަ ދުވަހު ޔަމަންގެ ވެރިރަށް ސަންޢާގައި ހަނގުރާމަ ވަރުގަދަވުމުގެ ސަބަބުން އެ ޤައުމުގެ އިންސާނީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށާއި މިކަމާބެހޭ ޚާއްސަ ޖަލްސާއެއް ސަލާމަތީ މަޖިލީހުން އަންގާރަ ދުވަހު ބާއްވާނެކަމަށެވެ.

ޔަމަންގެ ހާލަތު ބަޔާންކުރާ ރިޕޯޓެއް މިޖަލްސާގައި އދގެ މަންދޫބު އިސްމާޢީލް ވުލްދިއްޝައިޚް އިއްވަވާ ގޮތަށްވަނީ ހަމަޖެހިފައި. ޔަމަންގައި އިންސާނީ އެހީއަށް ބޭނުންވެފައިވާ ބާރަ މިލިޔަން މީހުން ތިބިކަމަށް ވަރލްޑް ފުޑް ޕްރޮގްރާމުން ބުނެއެވެ.

މީގެ ތެރެއިން ހަތް މިލިޔަން މީހުންނަކީ މިހާރުވެސް ހައިހޫނުކަން ތަހައްމަލު ކުރަމުންގެންދާ މީހުންނެވެ.

އެ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ޔަމަންގެ ވާދަވެރި ފަރާތްތަކުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ކަމަށް އދން ބުނެއެވެ.