ދުނިޔެ

ޞާލިޙުގެ މަރުގެ ސަބަބުން ޔަމަނުގައި އިތުރު ހަމަނުޖެހުންތައް


ޔަމަނުގެ ކުރީގެ ރައީސް ޢަލީ ޢަބުދުﷲ ޞާލިޙް އަވަހާރަކޮށްލުމުން، އެ ޤައުމަށް ކުރިމަތިވެފައިވާ އިންސާނީ އެހީގެ ކާރިޘާ އިތުރަށް ގޯސްވުން އެކަށީގެންވާ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މަޓިސް ވިދާޅުވެއްޖެއެވެ.

މިދަނޑިވަޅުގައި އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މަޓިސް ވަނީ ޔަމަނަށް ދިމާވެފައިވާ އިންސާނީ އެހީގެ ކާރިޘާ އިތުރަށް ގޯސްވެގެން ހިނގައިދާނެކަމުގެ އިންޒާރުދެއްވާފައެވެ.

މެދުއިރުމައްޗަށް ކުރެއްވި ދަތުރަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޔަމަނުގެ ކުރީގެ ރައީސް ޞާލިޙް އަވަހާރަކޮށްލުމުން ޔަމަނުގެ ޙާލަތަށް ކުރާނެ އަސަރު އަދި އަންދާޒާ ނުކުރެވުނު ނަމަވެސް، ޔަމަނުގެ ދާޚިލީ ހަނގުރާމަ އިތުރަށް ނުރައްކާތެރިވެ، އެ ޤައުމަށް ކުރިމަތިވެފައިވާ އިންސާނީ އެހީގެ ކާރިޘާ އިތުރަށް ގޯސްވެގެންދާނެކަމަށް ބެލެވޭކަމަށް މަޓިސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަޓިސް ވަނީ ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

ޔަމަނުގެ ކުރީގެ ރައީސް އަވަހާރަވެފައިވަނީ އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހޫޘީ ހަނގުރާމަވެރިން ދިން ޙަމަލާއެއްގައި މި ހަފުތާގެ ހޯމަ ދުވަހުގައެވެ. ޔަމަނުގެ ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙަށް ތާޢީދުކުރާ ފައުޖުތަކާއި އީރާނުގެ އަސްކަރީ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ހޫޘީ ހަނގުރާމަވެރިން ވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އެކުގައި ހަނގުރާމަކޮށްފައެވެ.

ނަމަވެސް، ބިމުގެ މިލްކުވެރިކަމުގެ މައްސަލައެއްގައި ޚިޔާލު ތަފާތުވެ، ޞާލިޙަށް ތާޢީދުކުރާ ފައުޖުތައް ވަނީ އެ ޤައުމުގެ ސަރުކާރަށް ތާއީދުކުރާ ފައުޖުތަކާ ގުޅި، ހޫޘީންނާ ދެކޮޅުވެފައެވެ. މިއާއެކު، ހޫޘީ ހަނގުރާމަވެރިންނާއި ޞާލިޙަށް ތާޢީދުކުރާ ފައުޖުތަކާ ދެމެދު ވަރުގަދަ ހަމަލާތަކެއް ދަނީ ބަދަލުކުރަމުންނެވެ.

މިކުރިމަތިލުންތަކުގައި މިދިޔަ ހޯމަދުވަހު ޔަމަނުގެ ވެރިރަށް ސަންޢާގައި ދިން ބޮމުގެ ހަމަލާއެއްގައި ޢަލީ ޢަބްދުﷲ ސާލިޙް އަވަހާރަކޮށްލުން ވެފައިވަނީ އެ ޤައުމުގެ ސަރުކާރާއި ސަރަޙައްދީ ޢަރަބި އިއްތިޙާދަށް ލިބުނު ބޮޑު ނާކާމިޔާބީއަކަށެވެ.

އދން ބުނާ ގޮތުގައި ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް ދިހަ ހާސް މީހުން މަރުވެ، ހަތް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ.