ދުނިޔެ

ދެ ފަރާތުގެ މަޝްވަރާ ކުރިއަށްގެންދަން އެމެރިކާއިން ގޮވާލައިިފި


އެމެރިކާގެ ނާއިބު ރައީސް މައިކް ޕެންސް އާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްއާ ދެމެދު މިމަހުގެ ފަހުކޮޅު ބޭއްވުމަށް ތާވަލްކުރެވިފައި އޮތް މަޝްވަރާތައް ކުރިއަށްގެންދިއުމަށް އެމެރިކާއިން ފަލަސްޠީނަށް ގޮވާލައިފިއެވެ.

އެމެރިކާއިން އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ފަލަޞްޠީނަށް ގޮވާލީ، ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ބަލައިގަންނަކަން ބުދަ ދުވަހު ހާމަކުރުމާ ގުޅިގެން، އެމެރިކާގެ ނާއިބު ރައީސް ޕެންސަށް ފަލަސްޠީނުން މަރުޙަބާ ނުކިޔާނެކަމަށް ފަލަސްޠީނު ސަރުކާރުން ބުނެފައިވާތީއެވެ.

އެމެރިކާގެ ވައިޓްހައުސްއިން ބުނެފައިވަނީ، މި މަހުގެ ފަހުކޮޅު ޕެންސް މެދު އިރުމަތީގެ ޤައުމުތަކަށް ކުރައްވާ ދަތުރުގައި ފަލަސްޠީނުގެ ލީޑަރުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށާއި ބުދަ ދުވަހުގެ ނިންމުމާއި ގުޅިގެން ދަތުރުގައި ކުރިން ރާވާފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނާންނަކަމަށެވެ.

އެތައް އަހަރެއް ވަންދެން އެމެރިކާއިން ގެންގުޅެމުން ދިޔަ ސިޔާސަތާ ޚިލާފަށް އަދި ޢަރަބި ޤައުމުތަކުގެ އިންޒާރުތަކަށް ގޮންޖަހާ، ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަން އެމެރިކާއިން ޤަބޫލުކުރާކަން އިޢުލާނުކުރުމާއެކު ފަލަސްޠީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަޞްޠީނު ރައްޔިތުންދަނީ އިހްތިޖާޖްކުރަމުންނެވެ.

އެމެރިކާގެ ނިންމުމާ ދެކޮޅަށް ފަލަސްޠީނުގެ އެކި ކަންކޮޅުގައި މިހާރު ކުރިޔަށްގެންދާ އިހްތިޖާޖުގެ ޙަރަކާތްތަކާއި މުޒާހަރާތަކުގައި 31 މީހުން ޒަޚަމްވެފައިވެއެވެ.

އެމެރިކާގެ ނާއިބު ރައީސާއި ފަލަސްޠީނުގެ ރައީސާ ދެމެދު ބާއްވަން ހަމަޖެހިފައިވާ ބައްދަލުކުރެއްވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ފަތަޙަ ޖަމާޢާތުގެ އިސް މަސްއޫލުވެރިއެއްކަމަށްވާ ޖިބްރީލް ރަޖޫބް ވިދާޅުވީ، ފަލަސްޠީނުގެ ޞަރަޙައްދަށް ޕެންސް ޒިޔާރަތް ކުރެއްވި ނަމަވެސް އޭނާއަށް ފަލަޞްޠީނުން މަރުޙަބާ ނުކިޔާ ކަމަށާއި، ރައީސް މަޙްމޫދު އައްބާހާއެކު ބޭއްވުމަށް ކުރިން ރޭވި އެއްވެސް ޙަރަކާތެއް ކުރިޔަށް ނުދާނެކަމަށެވެ.

 އަދި އެއްވެސް ސިފައެއްގައި މި ދަތުރަށް ފަލަޞްޠީނުން އެއްބާރުލުން ނުދޭނޭކަމަށް އޭނާ ވިދާޅުވިއެވެ.