ފަލަސްޠީނުގެ ޣައްޒާ އާއި މިސްރު ގުޅޭ ރަފަޙް ބޯޑަރު ކުރިއަށް އޮތް ހަތަރު ދުވަހަށް ހުޅުވުމަށް މިސްރުން ނިންމައިފިއެވެ.
މިއީ ޣައްޒާ ފަލަސްޠީނުގެ ސަރުކާރުގެ ބެލުމުގެ ދަށަށް ދިޔަ ފަހުން މި ބޯޑަރު ހުޅުވުމަށް މިސްރުން ނިންމި ދެވަނަ ފަހަރެވެ. ފަލަސްޠީނުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ރަފަޙް ބޯޑަރު ހުޅުވާލާފައި އޮންނާނެކަމަށާއި، އެ ބޯޑަރުން ދަތުރުކުރެވޭނީ ހަމައެކަނި ޣައްޒާއިން މިސްރަށް ކަމަށެވެ.
އަދި މި މަގުން މިސްރަށް ދެވޭނީ އިންސާނީ އެހީގެ އެކި އެކި ބޭނުންތަކަށް އެގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މީގެ ތެރޭގައި ޣައްޒާއިން ނުލިބޭ ބޭސް ފަރުވާ ހޯދަން ބޭނުންވެފައި ތިބި މީހުންނާއި މިސްރުގައި ކިޔަވަމުންދާ ޣައްޒާގެ ދަރިވަރުންގެ އިތުރުން އެ ޤައުމުގައި މަސައްކަތްކުރާ ފަލަސްޠީނުގެ ރައްޔިތުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަފަޙަކީ ޣައްޒާއަށް ވަދެވެން އޮންނަ މަގުތަކުގެ ތެރެއިން އިސްރާއީލުގެ ނުފޫޒު ނުހިނގާ ހަމައެކަނި މަގެވެ.
ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ހަމާސް ޖަމާޢަތުން ޣައްޒާގެ ކޮންޓްރޯލް ފަލަސްޠީނުގެ ސަރުކާރާ ހަވާލުކުރި ފަހުން، ނޮވެމްބަރު މަހު މިސްރުން ވަނީ، މި މަގު ތިން ދުވަހަށް ހުޅުވާލާފައެވެ.
ހޮނިހިރު ދުވަހު މި މަގު ހުޅުވާލުމާއެކު މި މަގު ހުރަސްކޮށް މިސްރަށް ދިއުމަށް ވިހަ ހާސް މީހުން އެދިފައިވާ ކަމަށާއި ހޮނިހިރު ދުވަހު އެކަނިވެސް ދުވިއްސައްތަ މީހުން މި މަގު ހުރަސްކޮށްފައިވާ ކަމަށް ފަލަސްތީނުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.