މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓަރީގެ ކޯޗުކަން ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗު ނިކޮލާ ކަވަޒޮވިޗަށް ދޭން ނިންމައިފިއެވެ.
ކަވަޒޮވިޗަކީ 2015 ވަނަ އަހަރުގެ ދިވެހި ލީގު ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދިން ކޯޗެވެ. ސްރީލަންކާގެ ޤައުމީ ކޯޗުކަން ވެސް ކޮށްފައިވާ ކަވަޒޮވިޗް ގެނައުމަށް ވިކްޓަރީން ވަނީ 2016 ވަނަ އަހަރު ވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އެފަހަރު ވިކްޓަރީން އޭނާ ގެންނަން ހުރިހާ ކަމެއް ހަމަޖެއްސިފަހުން އެކަން ކާމިޔާބުވާގޮތްނުވީ ރެފްރީންނަށް ހުތުރު ބަހުން މުހާތަބްކުރުމުން އެފްއޭއެމުން އެއް އަހަރަށް ސަސްޕެންޑްކޮށްފައި ހުރިކަން އެނގުމުންނެވެ. ވިކްޓަރީން އޭނާ ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ނިއުއިން ދެ ވަނަ ފަހަރަށް އޭނާ ގެނައި ނަމަވެސް ބެންޗުގައި އިނުމުގެ ފުރުސަތު ނުލިބުމުން ކޯޗު ވަނީ ފަހުން ފޮނުވާލާފައެވެ.
ގެބޯންގެ ޓައުންޝިޕް ރޯލާސްގެ ކޯޗުކަމުގައި މިވަގުތުހުރި ކަވަޒޮވިޗް ވިކްޓަރީއާ ހަވާލުވާން މާލެ އަންނާނީ މި މަހުގެ ފަހުކޮޅު ކަމަށް ވިކްޓަރީގެ އިސްއޮފިޝަލަކު ވަނީ ބުނެފައެވެ. އަދި ޓީމު ވަރުގަދަ ކުރުމަށް ދިވެހި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ޗެއާމަން އިބްރާހީމް ނަޒީމްގެ ބެލުމުގެ ދަށުން ވިކްޓަރީން ވަނީ ފަށާފައެވެ. ނިކޮލާ ކަވަޒޮވިޗް ގެންނަ ޚަބަރު ވިކްޓްރީގެ ޖެނެރަލް ސެކެޓްރީ ފަޔާ ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ބައެއް ކުޅުންތެރިން ވަނީ އެކުޅުންތެރިންނާ ކޯޗު ނިކޮލާ ވާހަކަދައްކަމުންދާކަން ކަށަވަރުކޮށްދީފައެވެ. އަދި ކޯޗުވެސް ވަނީ އޭނާ ވިކްޓްރީއަށް އަންނަކަން ކަށަވަރުކޮށްދީފައެވެ.
މިދިޔަ ސީޒަން ވިކްޓަރީން ނިންމާލީ ދިވެހި ޕްރެމިއާ ލީގަށް ކޮލިފައިނުވުމުން އަހަރުގެ މެދުތެރޭގައެވެ. އެއީ މާލޭލީގުގެ ފަސް ވަނަ އަށް ދިއުމުންނެވެ.