ދުނިޔެ

އަރަމްކޯއިން އިންޑިޔާގައި އިންވެސްޓުކުރަން ޝައުޤުވެރިވޭ


ސައޫދީ ޢަރަބިޔާގައި ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނިކަމަށްވާ އަރަމްކޯ، އިންޑިޔާގައި އިންވެސްޓުކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.

އަރަމްކޯގެ ޗީފް އެގްޒެކެޓިވް އަމީން އައްނާސިރު ވިދާޅުވީ، އިންޑިޔާގައި ތެޔޮ ސާފުކުރާ ކާރުޚާނާއެއް ބިނާކުރުމުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، އެކަމާ ބެހޭ ދިރާސާތައް އެކުންފުނިން ކުރަމުންގެންދާކަމަށެވެ.

އިންޑިޔާގެ ބާޒާރަށް ވަނުމަކީ މެދުތެރޭ އޭޝިޔާއާއި ދުރު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ބާޒާރުތަކަށް ވަނުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމެއްކަމަށްވެސް އަރަމްކޯގެ ޗީފް އެގްޒެކެޓިވް ވިދާޅުވިއެވެ.

އަރަމްކޯ އަކީ ސައޫދީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އެ ޤައުމުގެ ތެލާބެހޭ ޤައުމީ ކުންފުންޏެވެ.

ސައޫދީ ސަރުކާރުން މިހާރުވަނީ އަރަމްކޯގެ ފަހެއް އިންސައްތަ ހިއްސާގެ ގޮތުގައި ހެދުމަށްފަހު ބައިނަލްއަޤުވާމީ ހިއްސާގެ ބާޒާރުގައި އެ ހިއްސާތައް ވިއްކުމަށް ނިންމާފައެވެ.

މި ގޮތަށް ހިއްސާ ވިއްކައިގެން ސައޫދީގެ ތަރައްޤީގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރުމަށް  ބޭނުންވާ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ތެރެއިން މަދުވެގެން ސަތޭކަ ބިލިޔަން ޑޮލަރު ހޯދޭނެކަމަށް އެ ޤައުމުން ދެކެއެވެ.

އަރަމްކޯގެ ހިއްސާ މި އަހަރުގެ ފަހުކޮޅު ބައިނަލްއަޤުވާމީ ހިއްސާގެ ބާޒާރުގައި ވިއްކަން ފެށޭނެކަމަށް ލަފާކުރައްވާ ކަމަށްވެސް އެކުންފުނީގެ ޗީފް އެގްޒެކެޓިވް އަމީން އައްނާސިރު ވިދާޅުވިއެވެ.