ކުޅިވަރު

އަމިއްލަ ނަފްސަށްވުރެ ބޮޑަށް ވިސްނަނީ މެޗަށް: ޒިދާން


އަމިއްލަ ނަފްސާމެދު އޭނާ ނުވިސްނާ ކަމަށާއި، ބޭނުންވަނީ ޗެމްޕިއަންސް ލީގުގައި މިރޭ ފްރާންސްގެ ޕީއެސްޖީ ބަލިކުރަން ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން މިރޭގެ މެޗަށް ނުކުންނައިރު ޓީމު އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. ކޮޕާޑެލްރޭއިން ކަޓާފައިވާއިރު، ސްޕެނިޝް ލީގުގައި ރެއާލް އޮތީ ހަތަރުވަނާގައެވެ. މިހެންވެ މި ސީޒަނުގައި ތަށްޓެއް ހޯދަން ޒިދާނާއި، ރެއާލްއަށް ވެސް އޮތް ހަމައެކަނި މުބާރާތްކީ ޗެމްޕިއަންސްލީގެވެ.

"އަހަންނަށް އެނގޭ ޓީމު އޮތީ އެންމެ ރަނގަޅު މަޤާމުގައިނޫންކަން. އެކަމަކު އަހަރެން މިވަގުތު އަހަރެންގެ ވަޒީފާއާ މެދު ނުވިސްނަން. އަހަރެން މި ވިސްނަނީ މި މެޗަށް އެކަނި. އަހަރުމެން ވެއްޓިފައިވާ އަޑިގަނޑުން އަރައިގަނެވޭނީ މި މެޗު ކާމިޔާބުކޮށްގެން،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ސްޕެނިޝް ލީގާއި، ކޮޕާ ޑެލްރޭއިން ކަޓާފައިވީ ނަމަވެސް ރެއާލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށާއި، ކުޅުންތެރިން ވެސް އެކަން ޤަބޫލު ކުރާކަމަށެވެ.

ޒިދާންގެ މިވާހަކަ އަށް ޑިފެންޑަރު މާސެލޯ ވެސް އެއްބަސްވެއެވެ. އޭނާ ބުނީ ޒިދާނަކީ އެއްވަނައިގެ ކޯޗެއް ކަމަށާއި، ކުޅުންތެރިން އޭނާގެ ވާހަކަ ޤަބޫލުކުރާ ކަމަށެވެ.

"އަހަރުމެންނަށް ޗެމްޕިއަންސް ލީގު ނުނެގެންވީ އެއްވެސް ސަބަބެއްނެތް. އަހަރުމެންނަށް އެނގޭ ޕީއެސްޖީއަކީ މޮޅު ޓީމެއްކަން. އެކަމަކު ތަޖުރިބާއާއި ކާމިޔާބީގެ ގޮތުން މި މެޗުގައި އަހަރުމެންނަކީ ފެވްރިޓުން،" މާސެލޯ ބުންޏެވެ.