ޚަބަރު

ޑޮކްޓަރުން ތަމްރީނުކުރުމުގައި ކިއުބާގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެ





 


ރާއްޖޭގެ ސިއްހީދާއިރާއަށް ކުރިމަތިވެފައިވާ ދިވެހި ޑޮކްޓަރުން މަދުވުމުގެ މައްސަލައާއިގުޅިގެން ޑޮކްޓަރުން ތަމްރީނުކުރުމުގައި ކިއުބާގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެއެވެ.


  
ހެލްތު މިނިސްޓްރީން މިއަދު ބުނީ ރާއްޖެއިން ކިއުބާގެ އެހީއަށް އެދުނީ ޖެނީވާގައި ހިގަމުންދާ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވާ ހެލްތު މިނިސްޓަރ މަރިޔަމް ޝަކީލާ ކިއުބާގެ ހެލްތު މިނިސްޓަރ ރޮބާތޯ މޮރާލަސް އޮހޭދާ އާއި ބައްދަލުކުރައްވައިކަމަށެވެ. ކިއުބާގެ ހެލްތުމިނިސްޓަރާއި ބައްދަލުކުރެއްވުމަށް މަރިޔަމް ޝަކީލާވަނީ ކިއުބާއަށް ސިޓީފުޅެއް ފޮނުވާފައެވެ.


 
ހެލްތު މިނިސްޓްރީންބުނީ ދެބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި ކިއުބާގެ ވަޒީރުވަނީ ވަކި މުއްދަތެއް ނެތްގޮތަށް ކިއުބާއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ދެ ސްކޯލަރޝިޕް ދޭނެކަމަށް ވިދާޅުވެފައެވެ. ކިއުބާގައި މިހާރުވެސް ހަ ދިވެހިން ޑޮކްޓަރުކަން އެބަކިޔަވައެވެ.


 
ކިއުބާގެ ވަޒީރުވިދާޅުވީ އެގައުމުގެ ޑޮކްޓަރުންވެސް ރާއްޖެއަށް ފޮނުވައިދެއްވާނެކަމަށާއި ސްޕެޝަލިސްޓުން މަދުދާއިރާތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. މީގެ އިތުރުން ބައޯމެޑިކަލް އިންޖިނިއަރުންގެ ދަތިކަން ފިލުވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވެސް ވިދާޅުވިއެވެ.


 
ހެލްތުމިނިސްޓަރ މަރިޔަމް ޝަކީލާ ވިދާޅުވީ ޑޮކްޓަރުން ތަމްރީނުކުރުމުގައި ކިއުބާގެ އެހީތެރިކަމަށް އެދިވަޑައިގަތީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮކްޓަރުންގެ ދަތިކަމުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާހެދިކަމަށެވެ.


 


 


ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ އަށްޑިހަ އިންސައްތައަކީ ބިދޭސީ ޑޮކްޓަރުންކަމަށް ވިދާޅުވިއެވެ.