ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑަށް ވާދަކުރަން ޖެހުނު ޔުވެންޓަސް އަކީ އެ ޓީމަކާ ވާދަކުރަން އޭނާ އެންމެ ބޭނުންނުވި ޓީމު ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ދުނިޔޭގެ ރެކޯޑް ފީއަކަށް 2000 ވަނަ އަހަރު ރެއާލް އަށް ބަދަލުވުމުގެ ކުރިން ޔުވެންޓަސް އަށް ކުޅުނު ޒިދާން ބުނީ ރެއާލް މެޑްރިޑާއެކު ޔުވެންޓަސްއާ ވާދަކުރަން ބޭނުންނުވި ވަރަށް ގިނަ ސަބަބުތައްވާ ކަމަށެވެ.
"އަހަރެން ވަރަށް ގިނަ ސަބަބުތަކާހުރެ އެމީހުންނާ ދެކޮޅަށް ކުޅެން ބޭނުމެއްނުވި. އަހަރެން ޔުވެންޓަސްގައި ހަތަރެއް ނުވަތަ ފަސް އަހަރު ހޭދަކުރިން. އެ ކުލަބަކީ އަހަރެންގެ ކެރިއަރުގައި މުހިންމު ކުލަބެއް. އެކަމަކު ގުރު ދިމާވި ގޮތުން ކުޅެން މި ޖެހުނީ އެމީހުންނާ. މިކަން ބަދަލެއް ނުކުރެވޭނެ،" ޒިދާން ބުންޏެވެ.
އޭނާ ބުނީ ކުރިއާ އަޅާ ބަލާއިރު ޔުވެންޓަސް މިހާރު މާބޮޑަށް ވެސް ވަރުގަދަ ކަމަށެވެ.
"ކުރީގެ ޔުވެންޓަސްއެއްނޫން އެއީ. މިދިޔަ ދެ އަހަރާ އަޅާ ބަލާއިރު ޔުވެންޓަސް މިހާރު ވަރަށް ބޮޑަށް ވަރުގަދަ ވެއްޖެ. އަހަރެން ގަބޫލު ކުރާ ގޮތުގައި މިއީ ވަރަށް ވަރުގަދަ ވާދަވެރި މެޗަކަށް ވެގެންދާނީ،" އޭޕްރީލް 4 ވަނަ ދުވަހު ކުޅެން ޖެހޭ މެޗާ ބެހޭ ގޮތުން ޒިދާން ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ކުރިން ކުޅުންތެރިން ގައުމީ ޓީމަށް ދޫކުރަން ޖެހޭތީވެ ޒިދާން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ދުރު ހިސާބުތަކަށް ކުޅުންތެރިން ދަތުރު ކުރަން ޖެހޭއިރު ފިޓްކޮށްތިބެ އަލުން ކުލަބާ ގުޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ޖެހޭ. ގައުމީ ޓީމަށް ކުޅުމަކީ ވާޖިބު ކަމެއް. އެކަމަކު އަހަރެން ސުވާލު އުފައްދަން މިއީ އެންމެ ރަނގަޅު ވަގުތުތޯ ގައުމީ ޓީމުގެ މެޗުތައް ކުޅެން. އަހަރެންގެ ޓީމުގައި ތިބީ 24 ކުޅުންތެރިން. މީގެ ތެރެއިން 19 ކުޅުންތެރިން ގައުމީ ޓީމުތަކަށް ދާނެ. އެމީހުން ޝެޑިއުލް ވަރަށް ބިޒީ. އަހަރެން އުއްމީދު ކުރަނީ އަނިޔާއެއްނުވެ ކުޅުންތެރިން އެނބުރި އައިސް ކުލަބުގެ މެޗުތަކަށް ތައްޔާރުވާން ފުރުސަތު ލިބޭނެ ކަމަށް،" ޒިދާން ބުންޏެވެ.