ކުޅިވަރު

އެންމެމޮޅު ކޯޗާ ދެކޮޅަށް ނިކުންނަނީ އެއްވަނައަށް ޖެހިލަން- ނަޒީހު


މިރޭގެ މެޗުގައި ނިކުންނަން ޖެހޭނީ ރާއްޖޭގެ އެންމެ މޮޅު ކޯޗާ ދެކޮޅަށް ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހް ބުނެފިއެވެ.

 އެސްޓީއޯ މާލެ ލީގުގައި މިރޭ ގްރީންސްޓްރީޓާ ދެކޮޅަށް ނުކުންނަ މެޗްގެ ކުރިން ނަޒީހް ބުނީ އެއީ އޭނާގެ ބޭބެ ކަމުގައި ވުމުން ބުނާ އެއްޗެއް ނޫން ކަމަށާއި، ނަތީޖާއިން ސުޒޭން އެކަން ދައްކައިފި ކަމަށެވެ. ނަޒީހް ބުނީ ގްރީންއަށް ވުރެ މެޗު މުހިންމީ ޔޫވީ އަށް ކަމަށާއި، ޔޫވީއަށް މި ތިންޕޮއިންޓް މުހިންމު ވަނީ ތާވަލުގެ އެއްވަނައަށް ދިޔުމަށް ނަމަވެސް ގްރީނަށް، މި ތިން ޕޮއިންޓުން އެރޭނީ ގަދަ ހަތަރަކަށް ކަމުން މެޗުގެ ތިން ޕޮއިންޓް މުހިންމީ ޔޫވީ އަށް ކަމަށެވެ. ބޭރު މިޑްފީލްޑަރު ހުރީ އަނިޔާގައި ނަމަވެސް އޭނާ ނެތްތަން ފޫބައްދަން އެ ފެންވަރުގެ ދިވެހި ކުޅުންތެރިން އެބަ ތިބި ކަމަށެވެ. އަދި މިރޭގެ މެޗުން ގަލޮޅު ރަސްމީ ދަނޑަށް މުޅިން އާ ކުޅުންތެރިއެއް ފެނިގެންދާނެ ކަންވެސް ނަޒީހް ބުންޏެވެ.

" އެއްވެސް އިންޖަރީ އެއްވެސް އަދި ނުކުޅެވޭ ކުޅުންތެރިއެއްވެސް ނެތް. ގްރީން އަށްވުރެ އަސްލު ހަޤީގަތުގަ މި ތިން ޕޮއިންޓް މުހިންމީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ތިން ޕޮއިންޓް ހޯދީމަ އެބަދޭ ޓޭބަލްގެ ޓޮޕަށް. ގްރީން އަދި ތިން ޕޮއިންޓް ހޯދައިގެން ނުދޭ އެއްވެސް ހިސާބަކަށް، ގަދަ ހަތަރަކަށް މި ވަންނަނީ އަދި. ހަމަ ޔަޤީނުންވެސް މާދަމާ އަޅުގަނޑު ކުޅޭނީ، އުނދަގޫ މިވާހަކަ ބުނަންވެސް، ރާއްޖޭގެ އެންމެ މޮޅު ކޯޗާ އިދިކޮޅަށް" ނަޒީހު ބުންޏެވެ.

ގްރީންގެ ކޯޗް އަލީ ސުޒޭން ބުނީ މި މެޗަކީ ނިއުރޭޑިއެންޓާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން މޮޅުވުން މުހިންމު މެޗެއް ކަމަށެވެ. ސުޒޭން ބުނީ ޔޫވީ އާއި ގްރީން އަކީ އެއް ފެންވަރެއްގެ ދެ ޓީމް ކަމަށާއި، ޕޮއިންޓް ގިނަ ވުމަކީ ޔޫވީ އަށް ލިބޭ ސައިކޮލޮޖިކަލް އެޑްވާންޓޭޖެއް ކަމަށެވެ. ކުރީ މެޗަށްވުރެ ތައްޔާރުވުން ރަނގަޅު ކަމަށާއި، މި މެޗުން މޮޅުވާން ބޭނުން ނަމަ ފެށުން ރަނގަޅު ކުރަންޖެހޭ ކަމަށްވެސް ސުޒޭން ބުންޏެވެ.  

"މިދިޔަ މެޗަށް ވުރެ ތައްޔާރު ވުމުގައި އެޑްވާންޓޭޖް ތަކެއް އެބަހުރި. އެއީ ހުރިހާ އެންމެންވެސް ބަރާބަރަށް ޕްރެކްޓިސްއަށް އައި. އިންޖަރީއެއް އެކަހަލަ ކަމެއް ނެތް. ޔުނައިޓެޑް ވިކްޓްރީއަށް ޕޮއިންޓް ގިނަވުމަކީ އެމީހުނަނަށް އޮތް ސައިކޮލޮޖިކަލް އެޑްވާންޓޭޖެއް، ކޮންފިޑެންސް ހައިވާ ކަމެއް. އަޅުގަނޑުމެންގެ ފެށުން ވަރަށް ބޮޑަށް ރަނގަޅު ނުކޮށްފިއްޔާ ވަރަށް ބޮޑު ޕްރެޝާ އަކަށް ވެއްޓިގެންދާނެ" ސުޒޭން ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ޔޫވީ އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ގްރީންސްޓްރީޓްސްއަށް ތިން މެޗުން ލިބެނީ ދެ ޕޮއިންޓެވެ. މި ދެ ޓީމް މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ވާދަކުރާ މެޗު ފަށާނީ ނުވައެއް ޖަހާއިރުއެވެ.