ދުނިޔެ

މުރްތަޖާގެ މަރު ތަޙުޤީޤުކުރާނެކަމަށް އިސްރާއީލުން ބުނާ ބުނުން ބަލައެއްނުގަނެވޭނެ- ފަލަސްތީނު


ފަލަސްތީނުގެ ނޫސްވެރިޔާ ޔާސިރު މުރްތަޖާ ޝަހީދުކޮށްލި މައްސަލަ ތަޙުޤީޤުކުރާނެކަމަށް ބުނެ އިސްރާއީލުން ދައްކާ ވާހަކަތަކަކީ އެ ޤައުމުގެ އަނިޔާވެރިކަން ފޮރުވުމުގެ ގޮތުން ދައްކާ ވާހަކަތަކެއްކަމަށް ބުނެ، ފަލަސްތީނުން އިސްރާއީލަށް ރައްދުދީފިއެވެ. އިސްރާއީލަކީ އަނިޔާވެރި އިސްތިޢުމާރީ ބާރެއްކަން ދުނިޔެއަށް ހާމަވެފައިވާތީ އިސްރާއީލުން ކަންބޮޑުވާކަމަށާއި، އިސްރާއީލުގެ ބޭނުމަކީ އެކަން ފޮރުވޭނެ ގޮތެއް ހޯދުންކަމަށް، ފަލަސްތީނުގެ މަސްއޫލުވެރިއެއްކަމަށްވާ ސާއިބު އުރައިގާތު، މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

އުރައިގާތު ވިދާޅުވީ ޣައްޒާގައި ކުރަމުންދާ މުޒާހަރާތަކުގައި އިސްރާއީލުން ޝަހީދުކުރި ފަލަސްތީނު ރައްޔިތުންގެ ޢަދަދު ނަވާވީހަށް އަރާފައިވާނަމަވެސް، އެކަން ތަޙުޤީޤުކުރުމަށް އދއަށް އެއްބާރުލުން ނުދޭނެކަން އިސްރާއީލުގެ ދިފާއީ ވަޒީރު ހާމަކުރައްވާފައިވާކަމަށެވެ. އަދި މި ފަދަ އަނިޔާވެރި ޤައުމަކުން ފަލަސްތީނުގެ ނޫސްވެރިޔާ ޔާސިރު މުރްތަޖާ ޝަހީދުކޮށްލި މައްސަލަ މިނިވަންކަމާއެކު ތަޙުޤީޤުކުރާނެ ކަމަށް ބުނުމުން އެ ކަން ޤަބޫލުކުރާނީ ކާކުތޯ އުރައިގާތުވަނީ ސުވާލު ކުރައްވާފައެވެ.

ފަލަސްތީނުގެ ނޫސްވެރިޔާ ޔާސިރު މުރްތަޖާ، އިސްރާއީލުގެ އަސްކަރިއްޔާއިން ޝަހީދުކޮށްލާފައިވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެ މީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ޙައްޤު އޮތްކަން ހާމަކުރުމުގެ ގޮތުން ޣައްޒާ އާއި އިސްތިޢުމާރުކޮށްފައިވާ ބިންތައް ގުޅޭ ސަރަޙައްދީ އިމުގައި ފަލަސްތީނުގެ އެތައްހާސް ބަޔަކު ހުކުރު ދުވަހު ކުރި މުޒާހަރާއެއް ކަވަރު ކުރަން މަސައްކަތް ކުރަމުންދަނިކޮށެވެ. އޭނާގެ މެއަށް އިސްރާއީލުން ސިފައިން ބަޑިޖަހާފައިވަނީ އޭނާއަކީ ނޫސްވެރިއެއްކަން ހާމަކޮށްދޭ ހެދުންވެސް އަޅައިގެން ހުއްޓައެވެ. މުރްތަޖާގެ އިތުރުން ފަލަސްތީނުގެ އިހްތިޖާޖުތަކުގައި ބައިވެރިވި ހަތިޔާރު ނެތް އެހެން މީހުންނަށްވެސް އިސްރާއީލު ސިފައިން ހަމަލާދީފައިވަނީ ބަޑި އާއި އޮޓަމެޓިކް ހަތިޔާރުންނެވެ.

މީގެ ކުރިންވެސް އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ނޫސްވެރިން ޝަހީދުކޮށްފައިވެއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ މަރުގެ މައްސަލަ ބަލައި އިސްރާއީލުގެ ސިފައިންގެ މީހެއްގެ މައްޗަށްވެސް އަދި އެ ޤައުމުގެ މަސްއޫލުވެރިއެއްގެ މައްޗަށްވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ.
ފަލަސްތީނުގެ ރެފިއުޖީންނަށް އެމީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ހައްގު އޮތްކަން ހާމަކުރުމުގެ ގޮތުން ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާތަކުގައި މިދިޔަ ހުކުރުދުވަހު އިސްރާއީލުން ދިހަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެކުރީ ހުކުރުގައި ނަވާރަ މީހުން ޝަހީދުކޮށްލާފައިވެއެވެ.