ޚަބަރު

ސޫރިޔާގެ ބިމުގެ %80 ދައުލަތުގެ ބާރުގެ ދަށަށް ގެންދެވިފައިވާކަމަށް ސޫރިޔާއިން ބުނެފި


ބޭރު ޤައުމުތަކުން އަސްކަރީ މަދަދު ލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތްދަށުގައިވާ ބިންތައް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް ފަށާފައިވާ އަސްކަރީ ޙަރަކާތްތަކުގެ ދަށުން ސޫރިޔާގެ ބިމުގެ %80 ދައުލަތުގެ ބާރުގެ ދަށަށް ގެންދެވިފައިވާކަމަށް ސޫރިޔާ ސަރުކާރުން ބުނެފިއެވެ.

ސޫރިޔާގެ ނެޝަނަލް ރިކޮންސިލިއޭޝަންއާ ބެހޭ ވަޒީރު ޢަލީ ހައިދަރު ވިދާޅުވީ ބޭރު ޤައުމުތަކުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތްދަށުގައިވާ ހުރިހާ ބިންތަކެއް ދައުލަތުގެ ބާރުގެ ދަށަށް ގެނެވުމާއެކު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށެވެ. މިހާރު ސޫރިޔާ ސިފައިން މަސައްކަތް ކުރަނީ ޙިމްސް ހިމެނޭ ސަރަހައްދުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސޫރިޔާ ސިފައިންވަނީ އެ ޤައުމުގެ ބޮޑެތި ހުރިހާ ސިޓީތަކެއް ހަނގުރާމަވެރިންގެ އަތްދަށުން މިނިވަން ކުރުމަށްފަހު ދައުލަތުގެ ބާރުގެ ދަށަށްގެންގޮސްފައެވެ. މި ކަމުގެ ސަބަބުން ސޫރިޔާ ބައިބައިކޮށްލުމަށް ބޭރު ޤައުމުތަކުގެ އެހީތެރިކަމާއެކު ހަނގުރާމަވެރި ޖަމާއަތްތަކުން ކުރި މަސައްކަތްތަށްވަނީ ނާކާމިޔާބު ކޮށްލެވިފައެވެ. ނަމަވެސް ފުރާތު ކޯރުގެ އިރުމަތީގައިވާ ސޫރިޔާގެ އިރު އުތުރުގައިވާ ސަރަޙައްދުތަކުގައި އެމެރިކާ ސިފައިން ތިބޭ ތިބުމަކީ ސޫރިޔާގެ އެއްބައިވަންތަކަމަށް ހުރި ނުރައްކަލެއް ކަމަށް ސޫރިޔާގެ ވަޒީރު ވިދާޅުވިއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވެސް ވަނީ ސޫރިޔާގެ އިރު އުތުރުގައިވާ ސަރަޙައްދުތަކުގައި އެމެރިކާ ސިފައިން ފައިހަރުކޮށްލައިގެން ތިބޭ މައްސަލާގައި ކަންބޮޑުވާކަން ހާމަ ކުރައްވާފައެވެ.